ހަރުފަ (02)

(ފުރަތަމަ އަދަދާއި ގުޅޭ)

ހަށިގަނޑަށް އެރި ލޮޅުމަކާއެކު ގައިގައި ބާރު ޖެހުނެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އެނދުން ތެދުވެ އޭނާ ދުވެފައި ގޮސް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. ކޮޓަރިއަށް ހޮޅިބުރީގެ ހުދު އަލި ފެތުރުމާއެކު ސާރާ މަޑުމަޑުން އެނބުރިފައި ކުޑަދޮރާ ދިމާއަށް ބަލާލިއެވެ. ނަމަވެސް ކުރިން އެތާ ހުރި ހިޔަނީގެ އެއްވެސް ނިޝާނެއް އޭރަކު ނެތެވެ. އެހެންކަމުން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ސާރާ ގޮސް ގަޑި ބަލާލިއެވެ. އޭރު ފަތިހު 04:30 ވެއްޖެއެވެ. އެހެންކަމުން އަވަހަށް ގޮސް ވުޟޫކޮށްލައިގެން ނުކުމެ ދަމު ނަމާދުކުރުމަށް އަވަސްވެގަތެވެ.

ކުއްލިއަކަށް ފެންނަންފެށި ހުވަފެންތަކާއި، އެރޭ ފެނުނު ހިޔަނީގެ ސަބަބުން ސާރާގެ މިޒާޖަށް ބަދަލު އަންނަންފެށިއެވެ. މަޑުމަޑުން ކެއުމާއި ދުރުވެ، އަބަދުހެން ފިކުރަކަށް ގެއްލިފައި އިންނަންފެށިއެވެ. ނަމަވެސް އެކަން އެއްވެސް މީހަކަށް ފާހަގައެއް ނުވެއެވެ. އެންމެންވެސް އުޅުނީ އެމީހެއްގެ ދިރިއުޅުމައިގެން އަވަދިނެތިއެވެ. ރާބިޢާވެސް ގޭތެރޭގައި ކުރަންވެފައި ހުންނަ މަސައްކަތްތައް ނިންމާލުމަށްފަހު ރޭގަނޑު އިރާކޮޅު އޭނާގެ ގެއަށް ދެއެވެ. އަޙްމަދާއި އިބްރާހީމްވެސް އަބަދު އުޅެނީ ވިޔަފާރީގެ ކަންތައްތަކުގައި މަސްޢޫލުވެގެންނެވެ. ޝައިނާގެ ކަމަކީ ކައިގެން ނިދުމާއި، އޭނާގެ ރަޙްމަތްތެރިންނާއެކުގައި ބޭރުގައި ވަގުތު ހޭދަކުރުމެވެ. އެހެންކަމުން ސާރާ ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ ކޮޓަރީގައެވެ.

ހިޔަނި ފެނުމަށްފަހު ހަފްތާއެއް ވޭތުވެގެން ދިޔައީ އެއްވެސް އިތުރު ބިރުވެރިކަމެއް ދިމާނުވެއެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ސާރާ ހެނދުނު ހޭލާއިރު ބަނޑާއި، މޭމަތި އަދި ފައިގެ ފަލަމަސްގަނޑުގައި ވަކި އެޅިފައި ހުންނަ ތަންތަން ހުރެއެވެ. ސާރާއަކީ ގަވާއިދުން ނިޔަފަތި ކަނޑާ ކުއްޖެކެވެ. ނަމަވެސް ވަކި އެޅެން ދިމާވާ އެއްވެސް ސަބަބެއް ސާރާއަކަށް ނުވިސްނުނެވެ.

ދުވަސްތައް މަޑުމަޑުން މާޒީއާ އެކުވަމުން ދެއެވެ. އެއްރެއެއްގެ ދަންވަރެވެ. ސާރާއަށް ހޭލެވުނީ ވަރަށް ބޮޑަށް ހީކަރުވައިގަނެގެންނެވެ. އޭރު ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. ލޯ ހުޅުވާލެވުނު ވަގުތު ސާރާއަށް ފެނުނީ ބައިވަރު ފައިތަކެއްލާފައިވާ ބޮޑު އަނދިރިގަނޑެއް، މަތިން އޭނާއާ ދިމާއަށް ވަރަށް ބާރަށް ވެއްޓޭތަނެވެ. އެވަގުތު އޭނާއަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނުކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭންގުނެވެ. ހޭލެވުނީ ޖެހިގެން އައި ދުވަހު ހެނދުނުއެވެ. ސާރާގެ ކޮޓަރިއާ ޖެހިގެން ހުންނަނީ އަޙްމަދުގެ ކޮޓަރިއެވެ. އެރޭ އެއްވެސް އަޑެއް އިވުނުތޯ ބައްޕަ ކައިރިން އަހަން ސާރާ ބޭނުންވިއެވެ. އެހެންކަމުން އަޙްމަދު ފިހާރައަށް ދިއުމުގެ ކުރިން ސައިބޯން ބަދިގެ ފަރާތަށް ދާ ގަޑިއަށް ސާރާ ދިޔައެވެ. އޭރު އަޙްމަދު އިނީ ސައިބޯށެވެ. އަތް ގާތްކޮށްދިނުމަށް ރާބިޢާވެސް އެތާ އުޅެއެވެ.

"ދަރިފުޅަށް ކިހިނެއްވެފަ ތިހުރީ؟" ސާރާ ދޮރުން ވަތްތަން ފެނުމުން އަޙްމަދު އަނގަޔަށް ލާން އުޅުނު ރޮށިކޮޅި އަލުން ތައްޓަށްލާފައި ސުވާލުކޮށްލިއެވެ.

"ކަމެއް ނުވޭ. ކިހިނެއްތޯ ވީ؟" މޫނުގައި އެއްޗެއް އުނގުޅިފައި ހުރީކަމަށް ހީކޮށް މޫނު ފޮހެލަމުން ސާރާވެސް އިތުރު ސުވާލެއް ކޮށްލިއެވެ.

"ދެލޯ ކައިރި ކަޅުވެ، ކޯކަށިގަނޑުވެސް އެނގެން އެބަހުރި. ދަރިފުޅު ރަނގަޅަށް ނުކަނީތަ؟ އާދެބަލަ ބައްޕަ ކައިރިއަށް." ސާރާގެ މޫނުމަތީގެ އުޖާލާކަން ކެނޑިފައި ހުރިތަން ފެނިފައި އަޙްމަދު ކަންބޮޑުވިއެވެ. ސާރާ ހީވަނީ ބޮޑު ބައްޔެއްގައި ގިނަ ދުވަހު އުޅެފައި ހުރި މީހެއް ހެންނެވެ. އޭރު ރާބިޢާވެސް ހުރީ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އެދެބަފައިންގެ ވާހަކައަށް ސަމާލުކަންދީގެންނެވެ.

ސާރާ މަޑުމަޑުން އައިސް ކާމޭޒުގެ އަނެއް ފަރާތުގައި އަޙްމަދުގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނދެލިއެވެ. އެވަގުތު ރާބިޢާވެސް އައިސް ސާރާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.

"ދަރިފުޅު ޓެސްޓް ފެށުނީތަ؟ ފިލާވަޅު ދަސްކުރަން ނުނިދާ ހޭލާ އިންނަނީ ދޯ؟" ސާރާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ރާބިޢާވެސް ސުވާލު ކޮށްލިއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ސާރާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ބައްޕައަށް ރޭގަ އެއްވެސް އަޑެއް އިވުނުތޯ؟" ސާރާ އަޙްމަދު ކައިރިން ކުރަން ބޭނުންވި ސުވާލު ކޮށްލިއެވެ.

"ނޫން. ކިހިނެއްވީ؟" ވާހަކަ އެހިސާބަށް ދިޔަތަނާ އިބްރާހީމާ ޝައިނާ ކާގެއަށް ވަދެގެން އަންނަންފެށިއެވެ. އެހާ ހެނދުނާވެސް ޝައިނާ ހުރީ ކޮންމެވެސް ތަނަކަށް ދިއުމަށްޓަކައި ވަރުގެ ކޮޅަށް ނަލަހެދިގެންނެވެ.

"އަނހާ! މިއަދު ކޮއްކޮވެސް އެބައިން ދޯ." ސާރާ ފެނުމުން ބޮލުގައި މަޑުމަޑުން ޖަހާލާފައި އިބްރާހީމް ސާރާ ކައިރީގައި ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީނދެލިއެވެ. އެއާޖެހިގެން ހުރި ގޮނޑީގައި ޝައިނާވެސް އިށީނދެލިއެވެ.

"ބައްޕާ! މިއަދު އެބަޖެހޭ އައްޑޫ ފިހާރައަށް ފޮނުވަންޖެހޭ ބައެއް ސާމާނު ފޮނުވާލަން. ބައްޕަވެސް އަޅުގަނޑާއެކު ގުދަނަށް ގޮސްދޭނަންދޯ. ދާ މަގުމަތީގަ ޝައިނާ އޭނާގެ މަންމަމެންގެއަށް ލާފަ ދާން މިދަނީ." އިބްރާހީމްމެން އައުމާއެކު އެވަގުތު އެތާ ދެކެވުނު ވާހަކަތައް ހުއްޓުނެވެ. ސާރާވެސް އިތުރަށް އެވާހަކަ ކުރިއަށް ނުގެންގޮސް މަޑުމަޑުން އިނދެ ސައިބޮއި ނިންމާލައިގެން ކޮޓަރިއަށް ދިޔައެވެ.

ޖެހިގެން އައި ތިން ރޭވެސް މަތިން އެ އަނދިރިގަނޑު ވެއްޓޭތަން ސާރާއަށް ފެނުނެވެ. ކޮންމެ ރެއަކުވެސް ހަޅޭލަވައި ގަނެވޭހެން ސާރާއަށް ހީވެއެވެ. ނަމަވެސް ދެން ހޭލެވެނީ ޖެހިގެން އަންނަ ދުވަހުއެވެ. ވަނީ ކީއްކަމެއް ނޭންގޭ ޙާލުގައި، އެވާހަކަތައް ޙިއްސާކޮށްލާނެ މީހެއްވެސް ނެތުމުން ސާރާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެހެންކަމުން އެކަނި ހުންނަން އާދަވެފައި ހުއްޓެއް ކަމަކު ކިރިޔާ އަޑެއް އިވިލާއިރަށް އޭނާ ސިއްސައިގެންދާންފެށިއެވެ. އަދި ރަނގަޅަށް ނުކެވޭތީ ވަރުދެރަވެ އަބަދު އޮށޯވެ އޮވެވެން ފެށިއެވެ. އޭގެ ސަބަބުން ކިޔަވާ ހިތް ކެނޑި، މަޑުމަޑުން ފޮތްތަކާވެސް ދުރުވެވޭގޮތްވިއެވެ.

އެ އަނދިރިގަނޑު ހަތަރުވަނައަށް ފެނުނު ރެއެވެ. ޖެހިގެން އައި ދުވަހު ހޭލެވުނުއިރު ސާރާ އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި އަޙްމަދާއި އިބްރާހީމް އަދި ރާބިޢާވެސް ކަންބޮޑުވެފައި ތިއްބެވެ. އޭރު ސާރާ އަތަށް އައިވީއެއް ގުޅާފައި ހުއްޓެވެ.

ސާރާ ލޯ ހުޅުވާލިތަން ފެނުމާއެކު އަޙްމަދު އައިސް ސާރާގެ ބޮލުގައި ފިރުމާލިއެވެ. އޭރު އޭނާގެ ލޯ ހުރީ ފެންކަޅިވެފައެވެ. އެވަގުތުވެސް ސާރާ ބެލީ ހިނިތުންވެލެވޭތޯއެވެ.

"ބައްޕާ އަޅުގަނޑު ހޮސްޕިޓަލަށް ގެނައީ ކީއްވެ؟" އަޙްމަދާ ހަތަރުކަޅި ހަމަކޮށްލަމުން ސާރާ ސުވާލުކޮށްލިއެވެ.

"ދަރިފުޅު ކޮޓަރިން ނުނިކުމެ ލަސްވެގެން ކުޑަމަންމަ ގޮވަން ދިޔައިރު ދަރިފުޅު އޮތީ އެނދު ކައިރިއަށް ވެއްޓިފަ. އެހެންވެ ކުޑަމަންމަ އަވަހަށް ބައްޕައަށް ގުޅީ. އޭރު ދަރިފުޅު އަނގައިން ހުދު ފޮނުތަކެއްވެސް ނުކުމެފަ ހުރި..... މިވަގުތު ދެން ދަރިފުޅު މާ ގިނަ ވާހަކަ ނުދައްކާ އަރާމުކޮށްލާ." ސާރާގެ އަތުގައި ބޮސްދެމުން އަޙްމަދު ވާހަކަ ދެއްކިއެވެ.

ދަރިފުޅަށް ބަދަލުތަކެއް އަންނަކަން އެނގުމުން އެކަމާ ސުވާލުކުރުމަށްފަހުވެސް، ފަހުން ފަރުވާކުޑަކޮށްލެވުނީތީ އަޙްމަދަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ސާރާ އެޑްމިޓްކުރި ޚަބަރު ލިބުމުން ޖެހިގެން އައި ދުވަހު ޔޫސުފްވެސް މާލެ އައެވެ. އެކަކުވެސް ސާރާ ކައިރިން ދުރަށްދާކަށް ބޭނުމެއް ނުވެއެވެ. ބައެއް ޓެސްޓް ހަދާފައި އެއްވެސް މައްސަލައެއް ނުފެނުމުން، ތިން ދުވަސްވަންދެން އައިވީ ގުޅާފައި ބޭއްވުމަށްފަހު ސާރާ ގެއަށް ދޫކޮށްލިއެވެ. ނަމަވެސް އަޙްމަދަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން ވިޔަފާރީގެ ކަންތައްތައް އިބްރާހީމްއާ ޙަވާލުކުރުމަށްފަހު ޔޫސުފްއާއެކު ސާރާ ގޮވައިގެން އަޙްމަދު ރާއްޖެއިން ބޭރަށް ފުރިއެވެ. ބައްޕަމެން އެހާވަރަށް ކަންބޮޑުވެގެން އުޅޭތީ، އިތުރަށް ހާސްކުރުވަން ބޭނުންނުވާތީ ސާރާ އޭނާއަށް ފެންނަ ހުވަފެންތަކާއި، ގައިގައި ހުންނަ ނިޝާންތަކާއި، ހިޔަނި އަދި އަނދިރިގަނޑުގެ ވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ.

ރާއްޖެއިން ބޭރުން ތިން ޑޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. އެއީ ސާރާގެ ގައިގައި އެއްވެސް މައްސަލައެއް ހުންނަކަން ނުފެންނަކަމެވެ. އަދި ވެއްޓުނީ ރަނގަޅަށް ނުކެވޭތީ ވަރުދެރަވެގެންކަމެވެ. ވިސްނާ ވިސްނާވެސް ދަރިފުޅަށް ރަނގަޅަށް ނުކެވެންވީ ސަބަބެއް އަޙްމަދަކަށް ނޭންގުނެވެ. ސާރާއަކީ ނުލާހިކު ބަސްއަހާ، ޓީޗަރުން ލޯބިވާ، ކިޔެވުމަށް ރަނގަޅު ކުއްޖެކެވެ. ސްކޫލުގައި މައްސަލައެއް އުޅޭނަމަ ޓީޗަރުންގެ ފަރާތުން އެކަން އެނގޭނެއެވެ. ސާރާ ސިއްރުން ގޯސްކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަބަދުވެސް އަޙްމަދަށް އޮވެއެވެ. ސާރާއަށް ދަތިވާ އެއްވެސް ކަމެއް ގޭތެރެއަކު ނޯންނާނެއެވެ. އެއްޗެއް ބޭނުންވިޔަސް ސާރާ ޖެހޭނީ ހަމައެކަނި އަޙްމަދު ކައިރީ ނޫނީ އިބްރާހީމް ކައިރީ ބުނެލާށެވެ. ނުވިތާކަށް އަންހެން ކުއްޖަކަށްވީތީ އެމީހުން ކައިރީގައި ބުނަން ނުކެރޭ އެއްޗެއް ބޭނުންވެދާނެތީ، އަބަދުވެސް ސާރާ އަތަށް ކޮންމެވެސް ވަރަކަށް ލާރި ދީފައި ބަހައްޓައެވެ.

މާލެއައުމަށްފަހުވެސް ސާރާއާމެދު އަޙްމަދަށް ވިސްނުން ހުއްޓައެއް ނުލެވުނެވެ. އެހެންކަމުން ޔޫސުފްވެސް ހުރުމާއެކު ދެ ފިރިހެން ދަރިންނާ ދުވަސްކޮޅަކަށް ވިޔަފާރީގެ ކަންތައް ޙަވާލުކުރުމަށްފަހު އަޙްމަދު ގިނަ ވަގުތު ގޭގައި މަޑުކުރަންފެށިއެވެ. އެދުވަސްކޮޅުގެ ތެރޭގައި ސާރާގެ މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލު އަޙްމަދަށް ފާހަގަކުރެވެން ފެށިއެވެ. ދަރިފުޅު އަބަދު ފިކުރަކަށް ގެއްލިފައި އިންނަކަމެވެ. މީހަކު ދޮރު ހުޅުވާލާ އަޑު އިވުނަސް ސިއްސައިގެންދާކަމެވެ. އެހެންނޫނީ އަޙްމަދު ފެންނައިރަށް އައިސް ހުއްޓާނުލާ އަނގަތަޅާ ކުއްޖާ ބަސް ހުއްޓިފައި އިންނަ ކަމެވެ. އެހެންކަމުން މިވާގޮތަކާ ބެހޭގޮތުން ޚިޔާލެއް ހޯދާލުމަށް އަޙްމަދު އޭނާގެ ދުވަސްވީ އެކުވެރިޔާ ބުޝްރީއާ އެ ވާހަކަތައް ޙިއްސާކުރިއެވެ. ބުޝްރީއަކީ އިސްލާމް މުދައްރިސެކެވެ. ޑޮކްޓަރުންގެ ޖަވާބާއި ސާރާގެ މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލު ވަރަށް ތަފްޞީލުކޮށް އަޙްމަދު ބުޝްރީއަށް ކިޔައިދިނެވެ.

"ތި ވެދާނެ ސިހުރުވެރި ކަމަކަށްވެސް." ވާހަކަތައް ކަނުލާ އަޑުއެހުމަށްފަހު ބުޝްރީއަށް ފެންނަގޮތް ހާމަރިއެވެ.

"ޔަޤީންކޮށް ބުނަން އެނގޭނީ ކިޔަވާލައިގެން. ރުޤްޔާކުރަން ދަންނަ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އުޅޭނެ. އެއީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ، އެކަމަށް ކުޅަދާނަ މީހެއް. ކޮންމެވެސް ގަޑިއަކުން އަހަރެން އޭނަ ގޮވައިގެން ތިގެއަށް ޖައްސާލާނަން."

"އެކަމަކު އަހަރެންގެ ދަރިފުޅަށް ސިހުރު ހަދާނީ ކާކު؟ އެއީ ނުލާހިކު ބަސްއަހާ، މީހުންނަށް އިޙުތިރާމްކުރާ، ރަނގަޅު ދަރިއެއް. އަހަންނަށް ޔަޤީން އޭނާ އެއްވެސް މީހަކަށް ދެރައެއް ދީފައެއް ނޯންނާނެ" ބުޝްރީ ބުނި އެއްޗަކުން އަޙްމަދު އިތުރަށް ހާސްވާގޮތްވިއެވެ.

"މީހުން ސިހުރު ހަދަނީ ކޮންމެހެން އެމީހަކަށް ދެރައެއް ލިބިގެންނެއް ނޫން. ޙަސަދަވެރިވެގެންވެސް ބައެއް މީހުން އެކަހަލަ ކަންތައް ކުރޭ. އިންސާނުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއް. ތިމާއަށް ލިބިފައި ނެތް ނިޢުމަތެއް އެހެން މީހަކަށް ލިބޭތީވެސް އެކަހަލަ ކަމެއް ކޮށްފާނެ. ދެން ބަލަމާ ހިނގާ. ﷲގެ އިރާދަފުޅުން ތިޔަ ހުރިހާކަމެއްވެސް ބެލޭނެ. އަދި ފަރުވާވެސް ކުރެވޭނެ. ކެތްތެރިވޭ." ހިތްވަރު ދިނުމުގެ ގޮތުން އަޙްމަދުގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުޝްރީއަށް އެނގޭ އެއްޗެއް ޙިއްސާކުރިއެވެ.

އޭގެ ދެ ދުވަސްފަހެވެ. ރޭގަނޑުގެ ވަގުތެވެ. ސާރާ އިނީ ވާހަކަ ފޮތެއް ހިފައިގެން ސިޓިންގރޫމް ސޯފާގައެވެ. ރޭގަނޑު އަށެއްގެ ޚަބަރު އަންނާތީ އަޙްމަދު އިނީ ޚަބަރު ބަލާށެވެ. ކާން ތައްޔާރުކުރުމަށް އޭރު ރާބިޢާ ބަދިގެފަރާތުގައި އުޅެއެވެ. އެހެންކުދިން އެގަޑީގައި ގެއަކު ނޫޅެއެވެ.

"އައްސަލާމް ޢަލައިކުމް." މީހަކު ސަލާމް ގޮވާލި އަޑަށް އަޙްމަދު ދޮރާ ދިމާއަށް ބަލާލިއިރު ބުޝްރީއާއި އިތުރު ފިރިހެނެއް ދޮރުމަތީގައި ތިއްބެވެ.

"ވަޢަލައިކުމުއް ސަލާމް. އަނހާ ބުޝްރީތަ؟ އާދޭ އެތެރެއަށް." ސޯފާއިން ތެދުވެފައި ސަލާމް ބަލައިގަތުމަށްފަހު އަޙްމަދު އެމީހުން އެތެރެއަށް ވެއްދުމަށް އަވަސްވެގަތެވެ. އެމީހުން އައުމުން ސާރާވެސް ފޮތް ލައްޕާލާފައި ތެދުވެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

"އަޙްމަދު! މިއީ އަހަރެން ބުނި މީހަކީ. މިއީ ރާޝިދު." ބުޝްރީ އޭނާއާއެކު އައި މީހާ އަޙްމަދަށް ތަޢާރަފްކޮށްދިނެވެ. "އެއީތަ އެ ކުއްޖަކީ؟" ގޭތެރޭގެ އެކި ތަންތަނަށް ނަޒަރު ހިންގާލާފައި ސާރާ ދިޔަ ދިމާއަށް ބަލާލަމުން ރާޝިދު ސުވާލުކޮށްލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ