މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދުގެެ ފިލްމީ ހަޔާތަށް 25 އަހަރު ފުރުމުގެ ރިހިޔޫބިލް ހަފުލާ ރޭ ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވާއިރު، ނިޢުމާގެ ފޭނުންނަށް ވަރަށް ޚާއްޞަ 3 ސަޕްރައިޒެއް ރޭ ވަނީ ދޫކޮށްލާފައެވެ.
”ސެލެބްރޭޓިން 25″ގެ ނަމުގައި ނިޢުމާ ރޭ ބޭއްވި ޚާއްޞަ އިވެންޓް ޝަރަފުވެރި ކޮށްދެއްވާފައިވަނީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ.
ނިއުމާގެ ފޭނުންނަށް ދީފައިވާ ހާއްސަ 3 ސަޕްރައިޒަކީ، ނިއުމާ އަދި އޭނަގެ ދަރިފުޅު ޒޯޔާގެ ޕްރޮޑަކްޝަން ކުންފުނި ނިޢުޒޯ ޕްރޮޑަކްޝަންގެ ފަރާތުން ޕްރޮޑިއުސްކޮށް ގެނެސްދޭން ނިންމާފައިވާ ދެ ފިލްމަކާއި، ނިއުމާގެ އަމިއްލަ ޓޯކް ޝޯއެއްގެ އުފާވެރި ހަބަރެވެ.
އެގޮތުން ނިއުޒޯ ޕްރޮޑަކްޝަނުން ގެނެސްދޭ ”ކަޅަކި“ ފިލްމުގެ ޓީޒާއެއް ރޭ ރިލީޒްކޮށްފައިވެއެވެ. އަދި މީގެ އިތުރުން ރަވީ ޑައިރެކްޓްކޮށް ނިއުޒޯ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު ”ގޯނާ“ގެ ޓީޒަރ އެއް ރިލީޒްކޮށްފައިވާއިރު، ބައިސްކޯފާއި ގުޅިގެން ނިޢުމާގެ ޓޯކް ޝޯއެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ރޭ ވަނީ އިއުލާންކޮށްފައެވެ.
ސެލެބްރިޓީންގެ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދީ އެމީހުން ތަހައްމަލް ކުރަމުން އަންނަ ކަންތައްތައް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ނިއުމާގެ މި ޓޯކް ޝޯގެ ނަމަކީ ”ރީލް ޓު ރިއަލް ވިތު ނިޢުމާ“ އެވެ.
ނިއުމާގެ ވަދާޢީ ފިލްމް "ނިވައިރޯޅިއާއެކު" ނިއުމާ ބޮޑު ސްކްރީނުން އަލްވަދާޢު ކިޔާފައިވީނަމަވެސް ކެމެރާގެ ފުރަގަހުން ނިއުމާ އަންނަނީ ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރޭ ބޭއްވި ހާއްސަ އިވެންޓްގައި ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަނީ ބައިވެރިވެފައެވެ.




