އެލްކްލްސިކޯ ކުޅޭނެ ދުވަހަކާއި، ކުޅޭނެ ސްޓޭޑިއަމްއެއް ކަނޑައެޅުން އަންނަ ހޯމަ ދުވަހަށް ލަސްކޮށްފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން ބާސެލޯނާއާއި ރެއަލްމެޑްރިޑުންވަނީ އެކްލަބު ތަކުގެ ހުށަހެޅުންތައް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހަޅާފައެވެ. އެލްކްލެސިކޯއާއި ގުޅިގެން ދިމާވެފައިވާ މިމައްސަލައަށް ގޮތް ނިންމަން ކުރިން ކަނޑައަޅާފައިވަނީ މިއަދުއެވެ. އެހެންނަމަވެސް ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން އިތުރު މަޝްވަރާތަކަށް ދިއުމަށް މިދުވަސްވަނީ 21 އޮކްޓޯބަރވާ ހޯމަ ދުވަހަށް ލަސްކޮށްފައެވެ.
މިމަހު 26 ގައި ކުޅުމަށް ހަމަޖެހިފައިވާ އެލްކެލެސިކޯ ކެޓަލޫނިއާއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކެންސަލްކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިރު، ބާސެލޯނާގެ ކޭމްޕް ނޯ ގެ ބަދަލުގައި ރެއަލްމެޑްރިޑްގެ ބާނަބޯގައި ކުޅުމަށްވެސް މަޝްވަރާ ކުރެވުނެވެ. އެހެންނަމަވެސް ދެޓީމުވެސްވަނީ މިކަމަށް ދެކޮޅު ހެދާފައެވެ.
ބާސެލޯނާ ހިމެނޭ ކެޓަލޫނިއާ ސަރަހައްދުގެ ނުވަ ލީޑަރުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން ގިނަ މުޒާހަރާތަކަކާއި ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. އެހެންވެ ސަލާމަތީ ގޮތުން ބަލާއިރު މި ދަނޑިވަޅުގައި ބާސެލޯނާ ސަރަހައްދުގައި ރެއާލާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗެއް ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ލަލީގާ އިން ދެކެއެވެ.
އެލްކްލެސިކޯގެ ކުރިން ބާސެލޯނާ އަދި ރެއަލްމެޑްރިވެސް ލަލީގާ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އީބާއާއި ދެކޮޅަށް ބާސެލޯނާ ނުކުންނާނީ މާދަމާ ހަވީރު 04:00 ގައެވެ. އަދި މަޔޯކާއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12:00 ގައެވެ.
މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ރެއަލްމެޑްރިޑް އޮތްއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.



