ޕީއެސްޖީގެ ތަރި ނޭމާ އަލުން ކްލަބަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ނޭމާ ގެންނަން ބޭނުންނުވާ ގިނަ މީހުންތަކެއް ބާސެލޯނާގައި ހުރިކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
ޕީއެސްޖީ ދޫކޮށް އެނބުރި ބާސެލޯނާއާ ގުޅެން ބޭނުންވާކަމަށް ޚުދު ނޭމާވެސް އިޢުލާންކުރިއިރު، ނޭމާ ގެންނަން ގިނަ މަސައްކަތްތަކެއް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއިންވަނީ ކޮށްފައެވެ. އެގޮތުން ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާއިރު، އެއިގެން އެއްވެސް ހުށަހެޅުމެއް ޕީއެސްޖީން ޤަބޫލުުކޮށްފައެއް ނުވެއެވެ.
ކަންމިހެން ދިމާވިނަމަވެސް ނޭމާއާ އޮންނަ ގުޅުމަށް ކުޑަވެސް ބަދަލެއް ނާންނަކަމަށް މެސީވަނީ ބުނެފައެވެ.
"އަހަރެމެން އަދިވެސް ވަރަށް ވާހަކަ ދައްކަން. ވަޓްސް އެޕް ގްރޫޕްގައި އަހަންނާއި ނޭމާގެ އިތުރުން ސުއަރޭޒްވެސް އުޅޭނެ." މެސީ ބުންޏެވެ.
މީގެއިތުރުން މެސީ ބުނީ، ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވި ކަމުގައިވިއަސް އެއީ ކުރަން ވަރަށް އުދަނގޫކަމަށެއް ކަމަށާއި އެއީ ނޭމާ އަލުން ގެންނަން ބޭނުންނުވާ ގިނަ މީހުންތަކެއް ބާސެލޯނާގައި ހުރީމާކަމަށްވެސް މެސީވަނީ ބުނެފައެވެ.
މިސީޒަންގައި ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާ ޕީއެސްޖީ އެތަށް ފަހަރަކު ސަލާމަތްކޮށްދީފައިވާއިރު، ކުޅުނު ފަސްމެޗުން ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަނެއްކޮޅުން ނޭމާއަށް އާ އެއްބަސްވުމެއް ޕީއެސްޖީން ހުށަހަޅަށް އުޅޭކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ.




