މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް, ކީރިތި ޤުރުއާނަށާއި މާތް ނަބިއްޔާއަށް އިހާނެތި ބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓްގެ މައްސަލައިގައި ތަޙްޤީޤަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރުކުރުމުގެ މައްސަކަތް ފުލުހުން ފަށައިފިއެވެ.
މި މައްސަލައިގައި ޗިޓް ފޮނުވަންޖެހޭ ބައެއް ފަރާތްތަކަށް މިހާރު ޗިޓް ފޮނުވައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޗިޓް ފޮނުވި މީހުންގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދަޅުވީ މަޢުލޫމާތު ހާމަކުރެވެން އޮތް ވަރަކުން މިކަމާއި ގުޅޭ މަޢުލޫމާތު ހާމަކުރަން ދާނެކަމުގައެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑުއުފުލި ޒުވާނަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެޒުވާނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މީގެ އިތުރުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ފައުންޑަރ މެމްބަރު، ޝަހިންދާ އިސްމާއިލް ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި އޭނާ ބޭރުގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
ފުލުހުން އެ ރިޕޯޓްގެ މައްސަލަ ތަޙްޤީޤު ކުރަމުން ދަނިކޮށް ޝަހިންދާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. ނަމަވެސް ފުލުހުންގެ ތަޙްޤީޤަށް ރާއްޖެއަށް އައުމާއި ގުޅޭ ގޮތުން ޝަހިންދާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޝަހިންދާ މިވަގުތު ހުރީ ޖަރުމަތުގައެވެ.
އެމްޑީއެން އިން ނެރެފައިވާ ރިޕޯޓައި ގުޅިގެން، އެރިޕޯޓް ލިޔުނު ފަރާތްތަކަށާއި އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާއިދުނުމަށްއެދި ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.