ދިވެހި ފުލުހުން އަތަށް ފިސްތޯލަ ނުދިނުމަށް އެމްޑީއެން އިން ގޮވާލައިފި

ދިވެހި ފުލުހުންގެ އަތަށް ފިސްތޯލަފަދަ ނުރައްކާތެރި ހަތިޔާރު ނުދިނުމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ގޮވާލައިފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެމްޑީއެންއިން ބުނީ، މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސް އޮތް އަންޕްރޮފެޝަނަލް ހާލަތުގައި ވަނިކޮށް ފުލުހުންގެ އަތަށް ފިސްތޯލަފަދަ ނުރައްކާތެރި ހަތިޔާރު ދިނުމަކީ އެކަމުގެ ސަބަބުން ދިވެހިރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުން ލިބިދާނެ ކަމެއްކަން ފާހަގަކޮށް، ފުލުހުންގެ އަތަށް އެފަދަ ނުރައްކާތެރި ހަތިޔާރު ނުދިނުމަށް ގޮވާލަމެވެ.

އަދި 8 ފެބްރުއަރީ 2012 ދުވަހު ފުލުހުން ޤާނޫނާ ޚިލާފު އަމަލުތަކާއި ގުޅިގެން މިއަދާހަމައަށް އެ ފުލުހުންނާމެދު ފިޔަވަޅު ނާޅާ، ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރަމުންދާތަން ފެނުމަކީ އިންސާފު ހޯދައިދިނުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަސްޖެހިފައިވާ މިންވަރު ދައްކުވައިދޭ، ހިތާމަވެރި ކަމެއްކަމަށާއި، ޤާނޫނާ ޚިލާފުވާ ފުލުހުންނާމެދު ޤާނޫނީ ފިޔަވަޅު ނޭޅުމުގެ އެއް ނަތީޖާއެއްގެ ގޮތުން މިއަދު ތަކުރާރުކޮށް ފެންމަތިވަމުންދާ، ފުލުހުންގެ ކިބައިން ފެންނަ އަނިޔާގެ މައްސަލަތަކާއި ޤާނޫނާ ޚިލާފު އަމަލުތައް ފުލުހުންގެ ފަރާތުން ފެންނަލެއް ގިނަވެފައިވާކަމަށް މިނޫސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިނޫސްބަޔާނުގައި ވަނީ، 7 އަދި 8 ފެބްރުވަރީ 2012 ވަނަދުވަހުގައި ފުލުހުން ހިންގާފައިވާ ޤާނޫނާ ޚިލާފު އަމަލުތަކަށް ހިތްވަރުދީ، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ހާލަތްތަކެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާ ހަވާލުވީ މީހަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މިއަދު ހުރެގެން، ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ލީތަލް ހަތިޔާރު ދިނުމަށް ގޮވާލުން އެޖަމްޢިއްޔާއިން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

އަދި އެދުވަހު ފުލުހުން ހިންގާފައިވާ ޤާނޫނާ ޚިލާފު އަމަލުތައް ކުއްވެރިކޮށް، ތަޙްޤީޤުކުރުމަށްފަހުގައި ވަކިވަކި ފުލުހުންނާ ދޭތެރޭގައި ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށާއި އެމީހުންނަކީ ފުލުހުންގެ ވަޒީފާގައި ބޭތިއްބުމަށް އެކަށީގެންނުވާ ބަޔަކުކަމުގައި ކަނޑައަޅައި، ދައުލަތުގެ މުއައްސަސާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2012 ވަނަ އަހަރުގެތެރޭގައި އަންގާފައިވާކަމަށްވެސް އެމްޑީއެންގެ މިބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުރާދު

    އުވާ ލާފައި އޮތް ބަޔަކު ނެރޭ ރިޕޯރޓް ކިހިނެއް ގަބޫލު ކުރާނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ