އެމްޑީއެންގެ އެކައުންޓުތަކުގައި ހުރި ރުފިޔާތައް ޑެފް އެސޯސިއޭޝަނަށް ދީފި

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ޔޫތް މިނިސްޓްރީއިން ދީފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުރި އެމްޑީއެންގެ އެކައުންޓްތަކުގައި ގާތްގަނޑަކަށް 7،000 ޑޮޮލަރު (107000 ރުފިޔާ) ހުރި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމްޑީއެން އުވާލަން ނިންމައި އެ ޖަމްއިއްޔާގެ ދަރަންޏާއި މުދާ އަދި ފައިސާއާ މެދު އަމަލު ކުރާނެ ވަކިގޮތެއް މިނިސްޓްރީއަށް އަންގަން ޖަމްއިއްޔާތަކުގެ ގާނޫނުގައި ބުނާ، 45 ދުވަހުގެ މުއްދަތެއް ޖަމްއިއްޔާއަށް ވަނީ ދީފައެވެ. އެމްޑީއެންގެ ދަރަންޏާއި، މުދަލުގެ ކަންކަން ނިންމުމަށް 45 ދުވަހުގެ މުހުލަތެއް ދީފައިވާކަން ޔޫތު މިނިސްޓްރީން އިޢުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ޔޫތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ޖަމިއްޔާ ސަސްޕެންޑު ކޮށްފައެވެ. އޭގެފަހުން އެޖަމިއްޔާ އުވާލީ ފުލުހުންގެ ތަހްޤީގަށްފަހު ދިން ރިޕޯޓަށް ބަލައިފައި ނޮވެމްބަރ 5 ވަނަ ދުވަހު އެވެ.

ޑެފް އެސޯސިއޭޝަނަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށް 2008 ވަނަ އަހަރު އުފެއްދާފައިވާ ޖަމްއިއްޔާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ