ސްޕެނިޝް ލަލީގާގައި ރޭ އީބާއާއި ބައްދަލުކުރި މެޗުން މޮޅުވެ ފުރަތަމަ ފަހަރަށް ބާސެލޯނާ ތާވަލްގެ އެއްވަނަ އަށް އަރައިފިއެވެ.
އީބާ ދަނޑުގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނަޓްގައި ފެނިގެންދިޔައިރު، މިލަނޑު ގްރިޒްމަން ކާމިޔާބުކުރީ އީބާގެ ޑިފެންޑަރު ޕަބްލޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. ގްރިޒްމަންގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އަނެއް ދެލަނޑު ޖެހުމުގައި ގްރިޒްމަންގެ ޙިއްސާއެއްވެއެވެ. ބާސެލޯނާއަށް ބަދަލުވިފަހުން ގްރިޒްމަން މިހާތަނަށް އެންމެ ރަނގަޅަށް ކުޅުނު މެޗަކީވެސް މިއީއެވެ.
މިނަަތީޖާއާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު އިތުރު ލަނޑެއްޖަހައި ބާސެލޯނާއިން ލީޑުއިތުރަށް ފުޅާކުރިއެވެ. މެޗުގެ 58 ވަނަ މިނަޓްގައި ގްރިޒްމަންގެ އެސިސްޓަކުން މިލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. އަދި އޭގެ 8 މިނަޓް ފަހުން ލުއިސް ސުއަރޭޒް އިތުރު ލަނޑެއްޖަހައި މެޗުގެ ނަަތީޖާ 0-3 އަކަށް ހެދިއެވެ.
އީބާގެ ފަރާތުން މި މެޗުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް އެޓީމަށް ބާސާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މިމޮޅާއެކު ބާސެލޯނާއަށް ތާވަލްގެ އެއްވަނަ ލިބުނީ ކުޅުނު 9 މެޗުން ލިބުނު ޖުމްލަ 19 ޕޮއިންޓާއެކުގައެވެ.

ބާސެލޯނާ ފަހަތަށް ޖައްސާލައި ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުޞަތު ރެއަލްމެޑްރިޑަށް ގެއްލުވާލީ ރޭ ދަންވަރު މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ރޭގެ މެޗުގައި ރެއަލްމެޑްރިޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވީނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ޖެހި ލަނޑާއެކު އަލަށް ޕްރޮމޯޓްވި މަޔޯކާއިންވަނީ ރެއަލްމެޑްރިޑް ބަލިކޮށްފައެވެ.
މެޗުގެ 7 ވަނަ މިނަޓްގައި މަޔޯކާއިން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލާގޯ ޖޫނިއާއެވެ. މިލަނޑަށްފަހު ވަރުގަދައަށް ޑިފެންޑް ކުރަމުންދިޔަ މަޔޯކާއިންވަނީ ރެއަލްމެޑްރިޑުން އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަތްކޮށްފައެވެ.
74 ވަނަ މިނަޓްގައި އަލްވާރޯ އޮޑްރިއޮޒޯލާއަށް ދެއްކޮ ރަތްކާޑާއެކު ރެއަލްމެޑްރިޑަށް އިތުރު ހާސްކަން ލިބިގެން ދިޔަ މިމެޗުން ސުމެއް ނުކެނޑި މެޗު ނިމިގެން ދިޔައީ އެކްލަބު ބަލިވެގެންނެވެ.
މިނަތީޖާއެކު ރެއަލްމެޑްރިޑް ތާވަލްގެ ދެވަނާގައި އޮތީ 9 މެޗުން ލިބުނު 18 ޕޮއިންޓާއެކުގައެވެ.




