ޓެކްސްގެ ރޭޓުތައް ބޮޑުކުރުމާއި އަދި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ލުބުނާނުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެޤައުމުގެ ސަރުކާރުގެ ހަތަރު ވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ. އެތައް ހާސް ބަޔަކު، ލުބުނާނުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާއިރު، އިއްޔެ އިސްތިއުފާ ދެއްވާފައިވަނީ ލެބަނީޒް ފޯސަސް ޕާޓީގެ ހަތަރު ވަޒީރެކެވެ.
ލުބުނާނުގެ ބޮޑުވަޒީރު ސާދު ހަރީރީގެ އިއްތިހާދުގައި ހިމެނޭ މުޙިއްމު ޕާޓީއެއްކަމުގައިވާ ފޯސަސް ޕާޓީގެ ހަތަރު ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެޕާޓީގެ އެންމެ އިސްވެރިޔާ ވިދާޅުވީ ހާލަތުން އަރައިގަތުމަށް ސަރުކާރު ނުކުޅެދިފައިވާކަމުގައެވެ.
އިސްތިއުފާ ދެއްވި އެއް ވަޒީރަކު ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް، ސަރުކާރަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާކަމަށާއި، އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް އެންމެ މައިގަނޑު އެއް ސަބަބަކީވެސް އެއީކަމުގައެވެ.
ސަރުކާރުގެ އިސް ފަރާތްތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަގުތަކަށް ޖަމާވެ މުޒާހަރާ ކުރަމުންދިޔަ ފަރާތްތައްވަނީ އުފާ ފާޅުކޮށްފައެވެ. ހަމައެހެންމެ، ސަރުކާރުގެ އިތުރު އެހެން ފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލާ އަޑު، އެފަރާތްތަކުންވަނީ ގަދަކޮށްފައެވެ.
ލުބުނާނުގެ ވެރިރަށުގެ އިތުރުން، ޤައުމުގެ އެހެން ސަރަޙައްދުތަކުގައިވެސް މިހާރު ދަނީ ޓެކްސް ބޮޑުކުރުމާއި، ކޮރަޕްޝަނާ ދެކޮޅު މުޒާހަރާ ކުރިއަށް ގެންދަމުންނެވެ. އެގޮތުން، ދެވަނައަށް އެންމެ ބޮޑު ޓްރިޕޮލީ އާއި އުތުރުގެ ސަރަޙައްދާއި އެހެން ބައެއް ސަރަޙައްދުތަކުގައިވެސް މުޒާހަރާ ދަނީ ކުރިއަށެވެ.