އެމްޑީއެން ރިޕޯޓްގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ހާޒިރުކުރަން އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޟިރުވުމަށް އަންގައި އިޢުލާނުކުރާކަމަށެވެ.
ފުލުހުންގެ ތަޙްޤީޤަށް ހާޒިރު ކުރުމަށް ހޯދަމުންދަނީ ފާޠިމަތު ޢަޛްރާ ނަސީމް، ހ. ސެލްވޭޝަން/ކ.މާލެ (47އ)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A035254 އެވެ.
ފުލުހުން ވިދާޅުވެފައިވަނީ ޢަޛްރާ ހޯދަމުން ދަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި ފާޠިމަތު ޢަޛްރާ ނަސީމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށް ކަމަށެވެ.
ފުލުހުން ވަނީ ފާޠިމަތު ޢަޛްރާ އަށް 2019 ނޮވެމްބަރު 05 ވަނަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ދިއުމަށް އެދިފައެވެ.