ޝަރީޔަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ އަމުރުތައް އަލުން ރިވިއު ކުރަން ޖެހޭ ގޮތަށް، ޖިނާއީ މައްސަލަ ތަކުގައި އަމަލުކުރަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އެކުލަވައިލި ސިޔާސަތުތަކަށް އިސްލާޙު ކޮށްފިއެވެ.
އެގޮތުން މިއިސްލާޙާއެކު ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ކޮށްފައިވާ އަމުރު، 30 ދުވަަހުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) މުރާޖަޢާކުރަން ޖެހެއެވެ.
މިއިސްލާހާއެކު މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި މީހުންގެ ބަންދު މުރާޖާކޮށް އެމީހުންގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭ މީހަކު ހުރިނަމަ އެމީހެއްގެ ބަންދު ބާތިލްކުރުމަށް ކޯޓަށް ހުށައަޅަން ލާޒިމްވާނެއެވެ.
ވަކި މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަަންދުގައި ބަހައްޓަންޖެހޭ ސަބަަބެއް ނެތްކަމަށް ޕީޖީ އަށް ފެންނަ ހާލަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމާއި އެކު ކޮށްފައިވާ އަމުރު ބާޠިލު ކުރުމަށް ކޯޓަށް ހުށައަޅަން ޖެހޭ ކަމަށް އެ އިސްލާހުގައިވެއެވެ.
އޭގެއިތުރުން ބަންދާމެދު އަމަލުކުރަމުންދާ ގޮތުގެ ތަފްސީލް ބަޔާންކޮށް ޚާއްސަ ރިޕޯޓެއް އެކުލަވާލުމަށްފަހު އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭނެ ކަމަށްވެސް ބަންޑާރަ ނައިބު ވަނީ ކަނޑައަޅުއްވާފައެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ''ވާނުވާ'' ޖަހާފައި މީހުން ބައިތިއްބާތީ ގިނަ ބަޔަކުގެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، މިހާރުވެސް ހުކުމެއް ނެތި ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ތިބި 164 މީހުން ތިބި ކަމަށް ވަނީ މައުލޫމާތު ލިބެއެވެ. އަދި އޭގެ ތެރޭގައި ފަސް އަހަރުވަންދެން ހުކުމަކާ ނުލާ ބަންދުގައި ތިބި މީހުންވެސް އެބަ ތިއްބެވެ.



