އެމްޑީއެން މައްސަލައިގައި ހޯދަމުންދިޔަ އަޛްރާ އާއި މުޢާމަލާތް ކުރެވިއްޖެ - ފުލުހުން

އިސްލާމްދީނަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލައިގެ ތަޙްޤީޤަށް ފުލުހުން ހޯދަމުންދިޔަ، 47 އަހަރުގެ ހ. ސެލްވޭޝަން، ފާޠިމަތު ޢަޛްރާ ނަސީމް (A035254) އާއި މުޢާމަލާތް ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވަނީ ތަޙްޤީޤަށް ހާޟިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، އޭނާ ހޯދުމަށްޓަކައި އިއްޔެ ފޮޓޯ ޢާއްމުކޮށްފައެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި، އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޟިރުވުމަށް އަންގައި އިޢުލާން ކުރާކަމަށެވެ.

ޢަޛްރާ ހޯދަމުން ދަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި ފާޠިމަތު ޢަޛްރާ ނަސީމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށް ކަމަށްވެސް އިއްޔެ ފުލުހުން ވިދާޅުވިއެވެ.

މިއަދު ހެނދުނު ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިހާރު އަޛްރާއާއި މުޢާމަލާތް ކުރެވިފައިވާ ކަމަށާއި، އެހެންކަމުން އޭނާ ހޯދުމަށް ޝާޢިއުކުރި ފޮޓޯ ނަގާފައިވާ ކަމަށެވެ.

އެމްޑީއެން އިން ދީނަށް ފުރައްސާރަކުރި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ގިނަ ދިވެހި ރައްޔިތުން އެމްޑީއެން އުވާލައި، އެކަމުގައި ބައިވެރިވި ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލަމުންދާއިރު، ފުލުހުންގެ ތަޙްޤީޤަށް އެ ރިޕޯޓް ލިޔުމުގައި ބައިވެރިވި މީހުން ހާޟިރުކުރެވި ސުވާލުކުރެވިފައިވެސް ނުވެއެވެ.

މި މައްސަަލައިގެ ފުލުހުންގެ ތަޙްޤީޤު ލަސްކަމަށްބުނެ ގިނަ ބަޔަކު އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ