މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅު ހަރަކާތެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފި އެވެ.
އެމްޑީއެން އާއި ދެކޮޅު ހަރަކާތެއްގައި ބައިވެރިވެގެން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ އަށެވެ.
ޖޭއެސްސީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެމްޑީއެން އިން، ނެރެފައިވާ ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓް ނެރުނު ޖަމްޢިއްޔާއާއި އެރިޕޯޓު ތައްޔާރު ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި 15 އޮކްޓޫބަރ 2010 ގައި ރ. ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި މުޞްޠަފާ ބައިވެރިވެފައިވާކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެން ކަމުން ޢަލީ މުޞްޠަފާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 7.1 އާއި 1.8 އާއި 2.2 ވަނަ ނަންބަރާ ޚިލާފުވެފައިވާކަމަށް އެކޮމިޝަނުން ކަނޑައަޅާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޖޭއެސްސީން ޢަލީ މުސްޠަފާއާ މެދު އެޅުމަށް ނިންމާފައިވާ ފިޔަވަޅަކީ ޢަލީ މުސްތަފާއަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ.



