އީޕީއެލް - ލިވަޕޫލްއިން ދަމަހައްޓަމުންއައި މޮޅުވުމުގެ ސިލްސިލާއަށް ޔުނައިޓެޑުން ނިމުން ގެނެސްފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްއިން ލީގު ހުރިހާ މެޗަކުން މޮޅުވަމުންއައި ލިވަޕޫލް ހިފަހައްޓައިފިއެވެ.

އޯލްޑްޓްރެފޯޑުގައި ކުޅުނު މިމެޗު ނިމުނީ 1-1 ގެ ނަތީޖާއއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މިސީޒަންގެ އެހެން މެޗުތަކާއި ޚިލާފަށް ޔުނައިޓެޑްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑް ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުލުފުލުން އުފައްދަމުން ދިޔަ ހަމަލާތައް ލިވަޕޫލަށް އުނދަގޫވިއިރު، މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހީ ޔުނައިޓެޑުންނެވެ.

ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން މާކަސް ރަޝްފޯޑް ޔުނައިޓެޑް ލީޑު ނަގައިދިނީ މެޗުގެ 36 ވަނަ މިނަޓްގައެވެ. އަދި މިލަނޑު ޖެހުމުގެ ކުރިން ލިވަޕޫލްގެ ފޯވާޑު ޑިވޮކް އޮރިގީއަށް ޔުނައިޓެޑްގެ ޑިފެންޑަރ ލިންޑެލޮފް ފައުލްކޮށްފައިވާކަމަށް ލިވަޕޫލް ކުޅުންތެރިންނާއި ކޯޗު ކްލޮޕްވަނީ އެޕީލްކޮށްފައެވެ. އެހެންނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީވަނީ އެއީ ލަނޑެއްކަމަށް ނިންމާފައެވެ.

ޔުނައިޓެޑް ލަނޑަށްފަހު ލިވަޕޫލްގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކުރަން ފެށިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާނޭ ލަނޑެއްޖެހިނަމަވެސް އެލަނޑު ޖަހާފައިވަނީ އަތުން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ކަމަށްވާތީ ވީއޭއާރު ބެލުމަށްފަހު އެލަނޑުވަނީ ކެންސަލްކޮށްފައެވެ.

ދެވަނަ ހާފަށް ދެޓީމުވެސް ކުޅެން ނުކުތީ ތަފާތު ގޭމް ޕްލޭން އަކާއެކުއެވެ. ލިވަޕޫލުން ހަމަލާތައް އިތުރުކުރުމަށް މަސައްކަތްކުރިއިރު، ޔުނައިޓެޑުން މަސައްކަތްކުރީ ލީޑު ލިބިފައިވުމާއެކު ޑިފެންޑްކުރެވޭތޯއެވެ.

އެހެންކަމުން ފުރަތަމ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި މޮޅަށް ކުޅެމުންއައީ ލިވަޕޫލުންނެވެ. އެގޮތުންވެސް ލިވަޕޫލް ކުރަމުންއައި މަސައްކަތް ކާމިޔާބުވާގޮތް ނުވުމާއެކު ކޯޗު ޔާގެން ކްލޮޕް މެދުތެރެއަށް ތިން ބަދަލެއް ގެނެސް ހަމަލާތައް އިތުރަށް ވަރުގަދަ ކުރިއެވެ. ޗެމްބަލިން، ލަލާނާ އަދި ކެއިޓާ މެދުތެރެއަށް ލުމާއެކު ލިވަޕޫލްގެ އަތްދަށަން މުޅި މެޗުގެ ކޮންޓްރޯލް އައެވެ.

އަދި ފުލުފުލުގައި ލިވަޕޫލުން އުފައްދަމުންދިޔަ ހަމަލާތައް ހިފަހައްޓަން ޔުނައިޓެޑަށް އުނދަގޫވިއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑަމް ލަލާނާ މެޗުގެ 85 ވަނަ މިނަޓްގައި މެޗުގަ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑަށްފަހުވެސް އިތުރު ލަނޑެއްޖެހޭތޯ ލިވަޕޫލުން ވަރަށް މަސައްކަތްކުރިނަމަވެސް މެޗުގެ ނިމިގެން ގޮސްފައިވަނީ މިނަތީޖާއާއެކު ދެޓީމު އެއްވަރު ވެގެންނެވެ.

މިމެޗު އެއްވަރުވުމުން ލީގުގައި ލިވަޕޫލް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް މިހާރު ވަނީ ނިމުން އައިސްފައެވެ. މިއީ މިދިޔަ މާޗު މަހަށްފަހު ލީގުގައި ލިވަޕޫލް އަތުން ޕޮއިންޓުތަކެއް ގެއްލުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މިނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 25 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް އޮތީ 10 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ