ޖިރޫޑް ޗެލްސީގައި މަޑުކުރުވޭތޯ މަސައްކަތް ކުރާނަން: ލަމްޕާޑް

ފްރާންސްގެ ތަރި އޮލިވަރ ޖިރޫޑް ޗެލްސީގައި މަޑުކުރުވޭތޯ މަސައްކަތް ކުރާނަނެކަމަށް ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ލަމްޕާޑް މިހެން ބުނެފައިވަނީ އަންނަ ޖެނުއަރީމަހުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮއްލަން ޖެހިދާނެކަމަށް ޖިރޫޑު ބުނެފައިވަނިކޮށެވެ.

މިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައި ފްރާންސަށް ދެލަނޑު ޖަހައިިދިން ޖިރޫޑު މީގެ ކުރިން ބުނީ، އޭނާ އެންމެ އިސްކަމެއް ދެނީ ޗެލްސީއަށް ކަމަށާއި، އެހެންނަމަވެސް އާސެނަލް ދޫކޮށްލި ފަދައިން ޗެލްސީ ދޫކޮށްލަންވެސް އޭނާއަށް މަޖުބޫރު ވެދާނެކަމަށެވެ.

ޗެލްސީގެ ޓީމުން ޖިރޫޑްއަށް ފުރުޞަތު ގެއްލިފައިވަނީ ޓެމީ އަބްރަހަމް މިފަހަކަށް އައިސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން 8 ލަނޑު އަބްރަހަމް ޗެލްސީއަށް ކާމިޔާބުކޮށްދީފައިވާއިރު، އުމުރުން 33 އަހަރުގެ ޖިރޫޑަށް ސުމެއް ނުކެނޑުވެއެވެ. ޖިރޫޑު ލީގުގައި ޗެލްސީގެ ފުރަތަމަ 11 ގައި ހިމެނިފައިވަނީ އެންމެ މެޗެއްގައެވެ.

"ޖިރޫޑް ދާކަށް އަހަރެން ބޭނުމެއްނުވޭ. އަދި އޭނާ ޗެލްސީގައި ބެހެއްޓޭތޯ މަސައްކަތް ކުރާނަން. އޭނާއަކީ ޓީމުގެ މުހިންމު މީހެއް." ލަމްޕާޑު ބުންޏެވެ.

މީގެއިތުރުން ލަމްޕާޑު ބުނީ އަބްރަހަމްގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެއް ކަމަށާއި، އެހެންނަމަވެސް ޖިރޫޑަށް ކުރާ އިޙްތިރާމެއްގެ ސަބަބުބް އޭނާ ކްލަބުގައި ބަހައްޓަން މަސައްކަތްކުރާނެކަމަށެވެ.

އާސެނަލް ދޫކޮށް ޗެލްސީއާއި ޖިރޫޑު ގުޅުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޖިރޫޑް މިހާތަނަށް ޗެލްސީއަށް 68 މެޗު ކުޅެދީފައިވާއިރު، އޭނާވަނީ 19 ލަނޑުޖަހައި 13 އެސިސްޓް ހަދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ