ރިޓަޔަރ ކުރަން އަދި ނުވިސްނަން: ރޮނާލްޑޯ

ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން އަދި ނުވިސްނާކަމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ހަތަރު އަހަރު އެއްބަސްވުމެއްގެ ދަށުން ރެއަލްމެޑްރިޑް ދޫކޮށް ޔުވެންޓަސްއާއި ގުޅުނު ރޮނާލްޑޯ ޔުވެންޓަސްގައި ހޭދަކުރާ މިއީ ދެވަނަ ސީޒަންއެވެ. ފުރަތަމަ ސީޒަންގައި ޔުވެންޓަސްއާއެކު އިޓާލިއަން ސީރީއާ ރޮނާލްޑޯ އުފުލާލާފައިވާއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭނާއެވެ.

"އުމުރަކީ ހަމަ ނަންބަރެއް. އުމުރުން 34، 35 ނުވަތަ 36 ވުމުން އޭގެ މާނައަކީ ކުޅުން ހުއްޓާލާށެކޭ ނޫން." ރޮނާލްޑޯ ބުންޏެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ އެކަން އޭނާއަށް ދަނޑުމަތީ ސާބިތުކޮށްދެވިދާނެކަމަށާއި އެހެންނަމަވެސް ކުރިއަށްއޮތް ދެއަހަރެއްތެރޭ ކަންތައް ވާނޭގޮތް ނޭނގޭކަމަށެވެ. އަދި ފުޓްބޯޅައިގެ ބޭރުން އާޢިލާއާއެކު ހޭދަކުރަނީ ވަރަށް އުފާވެރި ވަގުތުތަކެއްކަމަށްވެސް އުމުރުން 34 އަހަރުގެ ރޮނާލްޑޯވަނީ ބުނެފައެވެ.

ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 700 އަށް ދާދިފަހުން އެރުވި، ރޮނާލްޑޯ ބޭނުންވަނީ ޔުވެންޓަސްއާއެކު އެއް ސީޒަންގައި ތިންތަށި ކާށި ކާމިޔާބުކުރާށެވެ. އަދި އެކަން ޙާސިލްވެދާނެކަމަށްވެސް ރޮނާލްޑޯ ޤަބޫލުކުރެއެވެ. ވަކިވަކި އެވޯޑުތަކަށްވުރެ ޓީމަށް ލިބޭ އެވޯޑްތައް އޭނާއަށް މުހިންމުކަމަށްވެސް ރޮނާލްޑޯވަނީ ބުނެފައެވެ.

ފަސް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯވަނީ މިހަރުގެ އެވޯޑަށްވެސް ނޮމިނޭޓްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ