މީގެ 10 އަހަރު ކުރިންވެސް އަދި މިހާރުވެސް އާސެނަލްއަކީ ތުއްތު ކުދިންގެ ޓީމެއްކަމަށްބުނެ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ޕެޓްރިކް އެވްރާ ފާޑުކިޔައިފިއެވެ.
އެވްރާ މިހެން ބުނެފައިވަނީ ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއަކުން އާސެނަލް ދަށްވުމާއި ގުޅިގެންނެވެ. މާއެދެވޭ ކުޅުމެއް އާސެނަލްގެ ފަރާތުން ރޭ ދެއްކިފައިނުވާއިރު، ރޭގެ މެޗުން ދަށްވެ ތާވަލްގެ ތިން ވަނައަށް އެރެން އޮތް ފުރުޞަތުވެސް އާސެނަލްއިން ގެއްލުނީއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ މޮސެޓްއެވެ.
އުނައި އެމެރީ މިދިޔަ ސީޒަންގައި އާސެނަލްގެ ކޯޗުކަމާއި ޙަވާލުވިފަހުން ރަށުން ބޭރުގައި ކުޅުނު 24 ޕްރިމިއާ ލީގު މެޗުގެ ތެރެއިން 10 މެޗުން އާސެނަލްވަނީ ދަށްވެފައެވެ. އަދި ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވިފައިވަނީ އެންމެ ދެމެޗެވެ.
އެވްރާ ބުނީ ރޭގެ މެޗުން ޝެފީލްޑް މޮޅުވުން ޙައްޤުކަމަށާއި، ނަތީޖާއާއި ދޭތެރޭ އޭނާ ޙައިރާން ނުވާކަމަށެވެ.
"މީގެ 10 އަހަރު ކުރިންވެސް އަހަރެން އާސެނަލް ސިފަކުރަމުންއައީ ތުއްތު ކުދިންގެ ޓީމެއްގެ ގޮތުގައި. މިހާރުވެސް ފެންނަނީ އެގޮތަށް. މިއީ މަލާމާތެއް ނޫން. މިއީ ޙަޤީޤަތް." އެވްރާ ބުންޏެވެ.
މީގެއިތުރުން އެވްރާ ބުނީ، ޔުނައިޓެޑްގައި އުޅުނު ދުވަސްވަރު މެޗުން މޮޅުވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮތުމާއެކު އާސެނަލްއާއި ދެކޮޅަށް ނުކުންނަނީ އުފަލުން ކަމަށެވެ.
ނުވަ މެޗުން ލިބުނު ޖުމްލަ 15 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލްގެ ފަސްވަނާގައެވެ.




