ހެންވޭރު އާޓިފިޝަލް ބީޗްގައި ނިޔާވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ދެނެގަތުމުގައި ޢާއްމުންގެ އެހީތެރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 06:26 ހާއިރު އާޓިފިޝަލް ބީޗް ގޮނޑިއެއްގައި ހާލުދެރަވެފައި އިން މީހަކު ހުރިކަމުގެ މަޢުލޫމާތޔު ލިބުމާއި ގުޅިގެން އޭނާ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ ނިޔާވެފައިވާ ކަމަށެވެ.
އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
"އެމީހާއަކީ ހުދު ތުނބުޅިއަކާއި މަތިމަހެއް ހުރި ފިރިހެނެއް. އެއްވެސް ފަރާތަކުން ދޮށީ އުމުރުގެ ފިރިހެނެއްގެ ހަބަރެއް ވެފައިނުވާނަމަ ނުވަތަ ވީތަނެއް ނޭނގިގެން އުޅޭނަމަ ނަންބަރު 3322111 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ، އެމީހާއަކީ ބެލެވޭގޮތުގައި 50 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށެވެ.



