މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ލުބުނާނުގެ އެކި ސަރަޙައްދުތަކުގައި، އެޤައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އަންނައިރު، އެފަރާތްތަކުގެ ބައެއް ގޮވާލުންތަކަށް ރިއާޔަތްކޮށް ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ބަލައިނުގަންނަން، މުޒާހަރާ ކުރާ ފަރާތްތަކުން ނިންމައިފިއެވެ.
ލުބުނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ، ޓީވީ މެދުވެރިކުރައްވާ ދެއްވޮ ބަޔާނެއްގައި އިއްޔެ ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި މީހުން މުސާރަ ބޮޑު ތަނުން ކުޑަކުރުމަށް ނިންމާފައިވާކަމުގައެވެ. ހަމައެހެންމެ، ބޭނުމެއް ނެތް ބައެއް ވުޒާރާތައް އުވާލާ، މި އަހަރު ނިމުމުގެ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޓީއެއް އެކުލަވާލައްވާނެކަމަށް ވިދާޅުވެއެވެ. މީގެއިތުރުން، 2020 ވަނަ އަހަރުގެ ބަޖެޓަށްވެސް ބަދަލުތަކެއް ގެންނަވާނެކަންވެސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މި އިއުލާނުތަކާ ގުޅިގެންވެސް، މުޒާހަރާތަކަށް ކުޑަވެސް ބަދަލެއް އައިސްފައިނުވެއެވެ. މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ގޮވާލަމުން ދަނީ ބޮޑުވަޒީރު ހަރީރީ އާއި ސަރުކާރު އިސްތިއުފާ ދެއްވުމަށެވެ. އަދި އެއަށްފަހު، ވެރިކަން ހިންގުން މިނިވަން ފަނޑިޔާރުންގެ ކައުންސިލާ ހަވާލުކުރުމަށެވެ.
ބައިނަލްއަޤުވާމީ ނޫސްތަކުން ބުނާގޮތުގައި ހަރީރީގެ ބަޔާނަށްފަހު، އެކި ސަރަޙައްދުތަކުގައި މަގުތަކަށް އެއްވެ ތިބި މީހުން ދިޔައީ އިންޤިލާބެއް ގެނައުމަށް އަޑު ހަރުކޮށް ގޮވަމުންވެސްމެއެވެ. ހަމައެހެންމެ، ސަރުކާރަށް ކުޑަވެސް އިތުބާރެއް ނުކުރާކަމަށާއި، ހަރީރީ އިއުލާން ކުރެއްވި ކަންކަމަކީ، ވަގުތީ ތަދު ކަނޑުވާ އިންޖެކްޝަނެއްގެ ގޮތުގައިވެސް އެފަރާތްތަކުން ސިފަކޮށްފައިވެއެވެ.