މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ ވަގަށް ނަގާ މަރާލިކަމަށް ބެލެވޭ މައްސަލާގައި ތުޙުމަތު ކުރެވޭ މީހެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު އަމިއްލަ ޙައިސިއްޔަތަކުން ނޫންކަމަށާއި ނަމަވެސް ސަލްޓަން ޗެންބާސްގެ ވަކީލެއްގެ ގޮތުގައި އެ ޗެންޕާސްއަށް ހުށައެޅުނު މައްސަލައެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ލޯ ފާމުން ބުނެފިއެވެ.
ސަލްޓެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި މިހެން ވިދާޅުވެފައިވާއިރު، ރިލްވާން އަބްދުﷲގެ ވަގަށް ނަގާ މަރާލިކަމަށް ބެލެވޭ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ޖަމީލް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެމަނިކުފާނާއި ދެކޮޅަށް ތަފާތު ވާހަކަތައް މީޑީއާތަކުގައިދަނީ ދެކެވެމުންނެވެ.
ދިވެހިރާއްޖޭގެ އާ ޤާނޫނު އަސާސީގެ ދަށުން ޤާނޫނީ ވަކީލެއް ހޯދައި ލިބިގަތުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ޙައްޤުކަމަށްވީހިނދު، ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށްމެ ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާ އެކަށީގެންވާ ވަސީލަތްތައް އަދި އެމީހަކު ބޭނުންވާ ގާނޫނީ ވަކީލަކާ މަޝްވަރާކޮށް ކުށުން ބަރީއަވުމަށް އެ ވަކީލެއްގެ އެހީތެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ދޭންވާނެކަމަށް ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާކަމަށްވެސް މިބަޔާނުގައިވެއެވެ.
އަދި ޝަރުޢީ ކޯޓަކުން އެމީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭހާ ހިނދަކު، ޤާނޫނުގެ ކުރިމަތީގައި އޭނާއަކީ ކުށެއް ނުކުރާ މީހެއްކަމަށާއި، ވަކި މީހަކު ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް އެހީތެރިވެދިނުމަށް ޤާނޫނީ ވަކީލުން ޙުވާކޮށްގެންތިބި ހިނދު، ކުށުގެ ތުޙުމަތު ކުރެވޭ މީހަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށްކުރުމަށް ވާޤިވެރިވުންކަމަށް ބެލުމާއި އަދި އެމޭރުމުން މީޑިއާތަކުގަ އާއި އެހެނިހެން ފޯރަމްތަކުގައި ވާހަކަދެއްކުމަކީ ޤާނޫނޫ އަސީސީއާއި ޤާނޫނުތަކުގެ ރޫޙާއި އަދި ކުރިއަރާފައިވާ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުން އަންނަ ޢުޞޫލާ ތަޢާރުޒުވާކަމެއްކަމަށްވެސް އެޗެމްބަރުން ދެކޭކަމަށް މިބަޔާނުގައިވެއެވެ.
އަދި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވަކި މާހަކު ތަފާތުކުރުމެއްނެތި، ހަމަ ކޮންމެ ފަރާތެއްގެ ޙައްޤުތައްވެސް ކަށަވަރުކޮށްދިނުމުގައި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ކަނޑައެިފައިވާ އެންމެ ފުޅާ ދާއިރާއެއްގައި އެޗެމްބަރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް މިބަޔާނުގައިވެއެވެ.
ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ ވަގަށް ނަގާ މަރާލިކަމަށް ބެލެވޭ މައްސަލާގައި ތުޙުމަތު ކުރެވޭ މީހެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވަނީ ޖަމީލްގެ އަނބިކަނބަލުންގެ އާއިލާގެ މީހެއްގެ ދިފާޢުގައި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ޚަބަރު ފަތުރާފައެވެ.




