ޔޫސީއެލް - ފުލުފުލުގައި ޑިބާލާ ޖެހި ދެލަނޑާއެކު ޔުވެންޓަސް ސަލާމަތްވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފުލުފުލުގައި ޕައުލޯ ޑިބާލާ ޖެހި ދެލަނޑާއެކު ޔުވެންޓަސް ސަލާމަތްވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ކޮންޓްރޯލް ކުރަމުންއައި ޔުވެންޓަސްއަށް ޙައިރާންކަން ލިބިގެންދިޔައީ މެޗުގެ 30 ވަނަ މިނަޓްގައި އަލެކްސީ މިރަންޗުކް ލޮކޮމޯޓިވް މޮސްކޯއަށް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ލޮކޮމޯޓިވް މޮސްކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލޮކޮމޯޓިވް މޮސްކޯގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ޖުވެންޓަސްގެ ޙަމަލާތައް ވަރަށް ފުރިހަމައަށް ދިފާޢުކުރަމުން ދިޔައެވެ. އެހެންނަމަވެސް ހިތްވަރަށް ބަދަލެއްވެސް ނައިސް ކުޅެމުންދިޔަ ޔުވެންޓަސްއަށް އުންމީދު އާކޮށްދިނީ މެޗުގެ 77 ވަނަ މިނަޓްގައި ޕައުލޯ ޑިބާލާ ޖަހައިދިން ލަނޑާއެކުގައެވެ. އަދި އޭގެ ދެމިނަޓް ފަހުން އަނެއްކާވެސް ޑިބާލާ އިިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ޔުވެންޓަސް ކޮޅަށް އަނބުރާލިއެވެ.

ރަށުން ބޭރުގައި ލޮކޮމޯޓިވް މޮސްކޯއިން އެންމެފަހުން ކުޅުނު 14 މެޗުވެސް ބައިކޮޅަށް ލަނޑެއްނުވަދެ ނިންމާލެވިފައިނުވާއިރު، ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 39 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.

މިނަތީޖާއާއެކު ޔުވެންޓަސް މޮޅުވެގެން ރޭގެ މެޗު ނިމުނުއިރު، ގްރޫޕް ޑީ ގެ އެއްވަނާގައި ޔުވެންޓަސްއޮތީ 7 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑަށްވުރެ އިތުރަށް ފައިދާ 1 ގޯލް އޮވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ