ޔޫސީއެލް - ސްޓާލިން އަދި އެމްބާޕޭވެސް ރޭ ހެޓްރިކް ހަދައިފި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ރަޙީމް ސްޓާލިންއަށާއި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭއަށް ރެއަކީ ވަރަށް އުފާވެރި ރެއެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި މިދެކުޅުންތެރިންވެސްވަނީ ހެޓްރިކް ހަދާފައެވެ.

އަމިއްލަ ދަނޑުގައި އެޓްލާންޓާއާއި ދެކޮޅަށް ކުޅުނު ސިޓީއިން ރޭގެ މެޗު ފަސޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

ސިޓީން އުންމީދުކުރާ ގޮތާއި ޚިލާފަށް ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އެޓްލާންޓާއިންނެވެ. ލިބުނު ޕެނަލްޓީއަކުން ރުސްލަން މަލިނޯސްކީ މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 28 ވަނަ މިނަޓްގައެވެ. އެހެންނަމަވެސް އޭގެ 6 މިނަޓްފަހުން އަގުއޭރޯވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ ސިޓީ ކޮޅަށް އަގުއޭރޯ އަނބުރާލީ މެޗުގެ 38 ވަނަ މިނަޓްގައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މިނަތީޖާގައެވެ.

ދެވަނަ ހާފުގައި ސިޓީއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ރަޙީމް ސްޓާލިންވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން ސިޓީގެ ފިލް ފޯޑެންއަށް މެޗުގެ 82 ވަނަ މިނަޓްގައި ރަތްކާޑެއްވެސް ދައްކާފައިވެއެވެ.

ރޭގެ މޮޅާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ ސިޓީ އޮތީ ގްރޫޕް ސީ ގެ އެއްވަނާގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބްރާގާއާއި ބައްދަލުކުރި މެޗު ޕީއެސްޖީއިންވަނީ ފަސޭޙަކަމާއެކު ކާމިޔާބުކޮށްފައެވެ.

ކަވާނީ އަދި ނޭމާވެސް ނުހިމަނައި 0-5 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކުރި މިމެޗުގައި މައުރޯ އިކާޑި ދެލަނޑު ޖަހާފައިވާއިރު، ކީލިއަން އެމްބާޕޭވަނީ ހެޓްރިކް ހަދާފައެވެ.

މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ގްރޫޕް އޭ ގެ އެއްވަނާގައި ޕީއެސްޖީ އޮތްއިރު، ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ