އިސްލާމީ މަރުކަޒު - ފޮޓޯ: ވަގުތު

ދީނަށް ފުރައްސާރަކުރުން މެކުހަށް، ސަރުކާރު ހަމަހިމޭނުން!

ދުނިޔެމަތީގެ ސުވަރުގެ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އެކުވެރި އެއްބައިވަންތަ ނަމޫނާ ރައްޔިތުންތަކެކެވެ. ދީނީ އަޤީދާ ވަރުގަދަ ހިތްވަރުގަދަ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެކެވެ. އެހީތެރިވެ އެއްބައެއްވަންތަކަން ދެއްކުމުގައި ޤައުމުގެ އެއްރަށުން އަނެއް ރަށަށް ދޫދޭނެ ރަށެއް ނެތްމެއެވެ. ހުރިހާ ކަމެއްގެ އަސްލަކަށް ވެފައިވަނީ މާތްވެގެންވާ އިސްލާމް ދީނެވެ. އިސްލާމުންނަށްވުމެވެ.

އިސްލާމްދީނާ ފެޔަށް ޤައުމު ގެންދަން އަބަދުވެސް ބަޔަކު މަސައްކަތް ކުރެއެވެ. ޤައުމުގެ އަހުލެވެރީން މަގު އޮޅުވާލަން މަސައްކަތް ކުރުމަކީ އަބަދުވެސް ކުރާ ކަމެކެވެ. ދިވެހި ބަހަށް އިސްލާމް ދީނާ ދުރު ލިޔުންތަކާއި ވީޑިއޯތައް ތަރުޖަމާ ކޮށް ދިވެހިންގެ ތެރޭގައި ފަތުރަން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ނަމަވެސް ހުރިހާ ސަރުކާރަކުންވެސް އެކަންކަމަށް ހުރަސް އަޅާފައި އެބަހުއްޓެވެ. އެކަންކަން ކުރާ ފަރާތްތަކަށް ފާޅުގައި އެކަންކަން ކުރުމަށް ބޮޑެތި ހުރަސްތައ ކުރިމަތިކޮށް ފަހަތައް ޖައްސާފައިވެއެވެ.

2018 ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ވެރިކަން އައު ވެރިކަމަކަށް ބަދަލުވެގެން އައި ދުވަހެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މިވީ ފަސް މަސް ދުވަހެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދީނަށް ފުރައްސާރަކުރުން މިވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. ފާޅުގައި ދީނަށް ފުރައްސާރަކުރި ވެލެޒިނީ އެނބުރި ޤައުމަށް އައެވެ. ސިކުންޑީގެ އުނި މީހެއްގެ ނަމުގައި ވެލެޒިނީއަށް އެވަނީ ހިމާޔަތް ދީފައެވެ. ދެވަނަ ވެލިޒިނީއެއްގެ ގޮތުގައި އާނިޔާ ފާޅުވިއެވެ. އާނިޔާއަށް ފާޑުކީ ފަރާތްތަކަށް ނުސީދާގޮތެއްގައި ފުލުހުންގެ އިންޒާރު އައެވެ. އާނިޔާގެ ފަހަތުން އިބްރާ ފާޅުވެ ދީނަށް ފުރައްސާރަ ކޮށްފިއެވެ. އިބްރާއަށް ތާއީދުކޮށް ނުކުތް ދިއްދޫ ކައުންސިލަރު ހުއްޓުމެއްނެތި ދީނަށް ފުރައްސާރަ ކުރަމުންދަނީ މިނިވަން ޖައްވުގައެވެ.

މިކަން މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ދިވެހިން ދެވިހިފާފައިވާ މީސް މީޑިއާގައި ޒުވާނުންގެ ހިތްތަކާ ކުޅެލުމުގެ ބާބު މިއަށްވުރެ ފޯރި ގަދައެވެ. ހަތް އުޑުމަތިން ބާވައިލެއްވި ކީރިތި ޤުރުއާނަށް ހުތުރު އިބާރާތްތަކުން މުޚާޠަބުކުރަމުން އެދަނީ ޤުރުއާނުގައި ތާނައަކުރުން ލިޔަމުންނެވެ. ރަސޫލާއަށް ފުރައްސާރަ ކުރަމުން އެދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. "ޖުހާ" ގެ ނަމުގައި ފޭސްބުކްގައި ހިންގާ ދީނަށް ފުރައްސާރަކުރާ ޕޭޖްގައި ވޭތުވެދިޔަ މަހެއްހާ ދުވަހު ހުއްޓުމެއްނެތި އެދަނީ އެހެންޏާއާ ޚިލާފަށް ދީނަށް ފުރައްސާރަކުރުން މެކުހަށް ޖަހާފައި ބާރަށް ކުރިއަަށެވެ.

އިއްޔެއާއި މިއަދު ދީނަށް ކުރަމުންދާ ފުރައްސާރައިގެ ބައެއް މަންޒަރުތައް

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަކީ ދީނީ ހަރުކަށި ވިސްނުމުގެ ވެރި ލާއިންސާނީ "އައިއެސް" އަށް މީހުން ފޮނުވާ ބައެއްގެ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވަރަށް ފާޅުގައި ބުނެފައެވެ. ހިކުމަތްތެރިކަމާއެކު ދިވެހި ޤައުމުގެ ދިފާއީ ބާރުގެ އަގު ވައްޓާލާ ދިވެހިން އެ ބާރަށް ކުރާ އިތުބާރު ގެއްލުވާލަނީއެވެ.

މިކަންކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވީ، އިސްލާމް ދީނަށާއި، ދިވެހި ޤައުމާމެދު ދޮގު ވާޙަކަތައް ފަތުރާ ފަރާތްތަކާމެދު ކަމާބެހޭ މުއައްސަސާތަކުން ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެފަދަ ފުރުޞަތުތައް އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށާއި، ދީނާއި ޤައުމުގެ އަމްނާއި އަމާންކަމަށް ހުރިހާ ފަރާތްތަކުންވެސް އިހުތިރާމްކުރުމަށްވެސް އިލްޔާސް ވަނީ ގޮވާލައްވާފައެވެ.

ދީނާއި ޤައުމަށް ފުރައްސާރަ ކުރުމަކީ އަބަދުވެސް ހިނގާ ކަންކަން ނަމަވެސް، އެއިރެއްގައި އޮންނަ ސަރުކާރަކުން އެކަންކަން ހުއްޓުވަން މަސައްކަތް ކުރެއެވެ. މިއަދުވެސް އަދުގެ ސަރުކާރުން އެކަން ކުރާނެކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް ދިވެހިން ބަލައިގަންނަ މިންވަރަށް އެކަންކަން ނުކުރެވޭކަމީ ހަޤީގަތެވެ.

ދީނަށް ފުރައްސާރަކުރާ ފަރާތްތައް ފާޅުވެ، ދިވެހިރާއްޖެ ހަލާކުގެ ތެރެއަށް ހުށަހެޅިގެންދާއިރު އެކަންކަމާ ކަންބޮޑުވެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ބަސްފުޅެއް ވިދާޅެއް ނުވިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކޮންބޮޑުވެ ބަސްފުޅެއް ވިދާޅެއް ނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަސްފުޅެއް ވިދާޅެއް ނުވިއެވެ. ކައުންޓަރ ޓެރަރިޒަމް ސެންޓަރުންވެސް މިކަމާ ކަންބޮޑުވެގެން އުޅުއްވާތަނުގެ ބަދަލުގައި ހަނގުރާމައަށް މީހުން ފޮނުވުމޭ ނޫން އެއްޗެކޭ ވިދާޅުވާކަށް ނޭނގުނެވެ.

އަދުގެ ސަރުކާރުގެ ހޯމް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރުގެ އިތުރުން ފުލުހުންގެ ވެރިޔާ އަދި ޤައުމީ ދިފާއީ ބާރުގެ ވެރިންވެސް ވިދާޅުވާނެ ބަސްފުޅެއް ނެތްމެއެވެ.

ދިވެހިރާއްޖޭގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރުން އިންތިހާއަށް އިތުރުވަމުންދާއިރު، ކަމާބެހޭ މުއައްސަސާތަކުން ކަންބޮޑުނުވެ، ހަމަހިމޭނުން ތިބޭކަމަށްވާނަމަ ދިވެހި ރައޔްިތުންގެ ކަންބޮޑުވުން އިތުރުވެ، ދިވެހިންގެ ކެތްތެރިކަން ކޮޅުންލައިފިނަމަ ޤައުމުގެ އަމަންއަމާންކަމަށް ހުރަސްއެޅިދާނެއެވެ.

ހޭލާށެވެ. ދިވެހި ރައްޔިތުން ހޭލާށެވެ. ދީނާއި ޤައުމާމެދުގައި ވިސްނާ ފިކުރުކުރާށެވެ. ޚިކުމަތްތެރިކަމާއެކު އަތް ހިއްލާލާށެވެ.

"އެންމެ ފުރަތަމަ ދީނާއި ޤައުމު"

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފާތު

    އަންނި އެއީ ލާދީނީ ވަގު

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ