ދެ އަހަރު ދުވަހު ދިރާސާކޮށް، މަސައްކަތް ކޮށްގެން، ވައްކޮށް ޕިއްޒާ ފޮއްޓެއް އުފައްދައިފިއެވެ. ގިނަ ދުވަހުގެ މަސައްކަތަށްފަހު، މި ބައްޓަމަށް ޕިއްޒާ ފޮށި ފަރުމާކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ޗެއިން އެއްކަމުގައިވާ "ޕިއްޒާ ހަޓް" އިންނެވެ.
މިކަމާ ބެހޭގޮތުން، އެކުންފުނީގެ ޗީފް ކަސްޓަމަރ އެންޑް އޮޕަރޭޝަންސް އޮފިސަރ، ނިކޮލަސް ބާކިޔާ ބުނީ މިއީ އެކުންފުނިން މިހާތަނަށް ތައްޔާރުކުރި އެންމެ ތަފާތު، އަދި އެންމެ އުފެއްދުންތެރި ޕިއްޒާ ފޮށިކަމުގައެވެ.
ޕިއްޒާ ހަޓުން އުފެއްދި މި ބައްޓަމުގެ ޕިއްޒާ ފޮށި، އެކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ ފްރެންޗައިޒް އައުޓްލެޓުތަކުން އަދި ނުލިބޭނެއެވެ. ފޮށި ޓެސްޓުކުރުމަށްޓަކައި، އެންމެ ފުރަތަމަ ބޭނުންކުރުމަށް ނިންމާފައިވަނީ އެމެރިކާގެ އެރިޒޯނާގައި ހުންނަ އެކުންފުނީގެ އައުޓްލެޓެއްގައެވެ.
އެކުންފުނިން އިތުރަށް ބުނާގޮތުގައި، ވައްކޮށް ފޮށި ހެދުމަކީ ތިމާވެށީގެ ގޮތުން ބަލާއިރުވެސް މާ ފައިދާހުރި ކަމެކެވެ. އެގޮތުން، އާއްމުކޮށް ހަތަރެސްކަނަށް ހުންނަ ފޮށި ހެދުމުގެ ތެރޭގައި ވެއްޓަށް ބޭރުވާހާ ގިނަ، ވިހަ މާއްދާތައް މި ބައްޓަމަށް ހެދުމުގެ ތެރޭގައި، އަދި މި ބައްޓަމަށް އުފެއްދުމަށް ބޭނުންކުރާ މެޓީރިއަލްގެ ސަބަބުން ބޭރުނުވެއެވެ.
މިފަދަ ގޮތަކަށް ޕިއްޒާ ފޮށި ފަރުމާކޮށްފައިވާއިރު، ތިމާވެއްޓާ ރައްޓެހި ބާވަތެއްގެ ޕިއްޒާއެއްވެސް، އެރިޒޯނާގައި ހުންނަ އައުޓްލެޓުން ޓެސްޓުކުރުމަށްވަނީ ނިންމާފައެވެ. އެއީ މީޓްގެ ބަދަލުގައި ހަމައެކަނި ތަރުކާރީ ބޭނުންކޮށްގެން ހަދާ ސޮސެޖު އަޅައިގެން ހަދާ ޕިއްޒާއެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.




