ޔޫއެފާ ޗެމްޕިއަސް ލީގުގައި ރޭ ސްލާވިއާ ޕްރާހާ އަތުން ބާސެލޯނާ ހަނިގޮތަކަށް މޮޅުވެއްޖެއެވެ.
ޗެކްރިޕަބްލިކްގެ ސިނޯބޯ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
އެންމެ ވަރުގަދަ 11 އާއެކު ބާސެލޯނާއިން ފެށި މިމެޗު ފެށުނު ތަނާހެން އެކްލަބުންވަނީ ލީޑު ނަގާފައެވެ. ތިންވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮސްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީގެ މިލަނޑާއެކު ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 15 ސީޒަންގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށް އެނާވަނީ ވެފައެވެ.
މެސީގެ މިލަނޑަށްފަހު ބާސެލޯނާއިން ފަސޭޙަކަމާއެކު މެޗުން މޮޅުވާނެކަމަށް ހީކުރެވުނުނަމަވެސް ކަންތަން ދިމާވީ އެއާ މުޅިން ޚިލާފަށެވެ. ސްލާވިއާގެ ހަމަލާތައް އިތުރުވެ ބާސެލޯނާގެ ޑިފެންސަށް ބާރު ބޮޑުވިއެވެ. ސްލާވިއާއިން ފުލުފުލުގައި އެތަށް ހަމަލާތަކެއް އުފައްދަމުން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައިރު، އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލުކުރެވޭގޮތްވަނީ ނުވެފައެވެ.
ހަމަ އެޖޯޝާއި ފޯރީގައި ދެވަނަ ހާފު ފެއްޓި ސްލާވިއާއިން ނަތީޖާ ހަމަހަމަކުރާކަށް ގިނައިރެއް ނުނެގިއެވެ. ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނަޓްގައި ސްލާވިއާއިން ނަތީޖާ ހަމަހަމަކުރިއިރު މިލަނޑު ކާމިޔާބުކޮށްދިނީ ޖާން ބޮރިލްއެވެ. އެއާއެކު މުޅި ސްޓޭޑިއަމް ގުގުމައިގެން ދިޔަނަމަވެސް އޭގެ ތިން މިނަޓްފަހުން ޕީޓަރ އޮލަޔިންކާ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ސްލާވިއާގެ މަސައްކަތް އަނެއްކާވެސް ދެގުނަވިއެވެ.

މެސީގެ ހިލޭ ޖެހުމެއް، ގޯލް ބޭރު ރޮނގުމަތިންކަހަލަ ގޮތަކަށް ގޯލް ކުރިމަށްޗަށް ސުއަރޭޒް ހުރަސްކުރަން އުޅުމުގެ ތެރޭގައި ސްލާވިއާގެ ބައިކޮޅަށް ވަތް މިލަނޑަކާއެކު ބާސެލޯނާއަށް ހަމަޖެހިލެވޭގޮތްވިއެވެ.
އެހެންނަމަވެސް ސްލާވިއާއިން ކުރަމުންއައި ހަމަލާތަކަށް ހުއްޓުމެއް ނައިސް ދިޔައީ ކުރިއަށެވެ. ބާސެލޯނާއިން ކުރި ވަރުގަދަ ކުރުމަށް ގްރިޒްމަންގެ ބަދަލުގައި ޑެމްބެލޭ އެރުވިއިރު، މެދުތެރެއަށް ވިޑާލް އަދި ރަކިޓީޗްވެސް އެރުވިއެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ސްލާވިއާގެ ފަރާތުން ނުރައްކާތެރި އެތަށް ޙަމަލާތަކެއް ފެނިގެންދިޔައިރު، ބާސެލޯނާގެ ޑިފެންސްލައިނުންވަނީ ހުށިޔާރުކަމާއެކު މިހުރިހާ ޙަމަލާއެއްވެސް ދިފާޢުކޮށްފައެވެ. ކީޕަރު ސްޓެގަންވެސް ނުރައްކާތެރި ދެތިން ހަމަލާއެއް ރޭގެ މެޗުގައި ދިފާޢުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރޭގެ މެޗުން މޮޅުވެ ބާސެލޯނާއަށް ގްރޫޕް އެފް ގެ އެއްވަނަ ލިބެނީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކުގައެވެ. އިންޓަރމިލާން އަދި ޑޯޓުމުންޑަށް 4 ޕޮއިންޓް ލިބިފައިވާއިރު، އިންޓަރ މިލާންއަށް ގްރޫޕްގެ ދެވަނަ ލިބެނީ ފައިދާ 1 ގޯލާއެކުގައެވެ.




