ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖެންކާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭޙަކަމާއެކު ލިވަޕޫލް މޮޅުވިއިރު، އަޔޭކްސް އަތުން މުހިންމު މޮޅެއް ޗެލްސީއަށް ލިބިއްޖެއެވެ.
ބެލްޖިއަމްގެ ކްރިސްޓަކް އެރީނާގައި ޖެންކާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.
ހުރިހާ ގޮތަކުންވެސް ލިވަޕޫލް ކޮންޓްރޯލްކުރި މިމެޗުގެ ފުރަތަމަ ފާހުގައި ފެނިފައިވަނީ އެންމެ ލަނޑެކެވެ، މެޗުގެ 2 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދީފައިވަނީ ޗެމްބަލިންއެވެ.
ދެވަނަ ހާފުގެ ވެސް ފުރަތަމަ ލަނޑު ޗެމްބަލިން ކާމިޔާބުކުރިއިރު މިލަނޑަކީ ފިރްމީނޯގެ ޕާހަކުން އެއްފަހަރުން ފޮނުވާލި ބޯޅައަކުންޖެހި ހިތްގައިމު ލަނޑެކެވެ. ލިވަޕޫލްގެ އަނެއް ދެލަނޑު ޖަހާފައިވަނީ މާނޭއާއި ސަލާޙްއެވެ.
ޖެންކުން ސުމެއް ކަނޑުވާފައިވަނީ މެޗުގެ 88 ވަނަ މިނަޓްގައި ސްޓެފަން އޮޑޭ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. ޗެމްޕިއަންސް ލީގުގައި ޖެންކުން އެންމެ ފަހުން ކުޅުނު 15 މެޗުވެސް ނިންމާލާފައިވަނީ މޮޅެއް ނުލިބިއެވެ.
ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕް އީ ގެ ދެވަނާގައި ލިވަޕޫލް އޮތްއިރު، އެއްވަނާގައި އޮތް ނަޕޯލީއަށް 7 ޕޮއިންޓް ލިބިފައިވެއެވެ.

ވަރުގަދަ އަޔޭކްސްއާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނަޓްގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބަޓްޝުއާއީއެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އަޔޭކްސްއިން ލަނޑެއްޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު ޕްރޮމެސްގެ މިލަނޑުވަނީ އޮފްސައިޑް ލަނޑެއްކަމަށް ނިންމައި ކެންސަލްކޮށްފައެވެ.
ރޭގެ މިމޮޅާއެކު ޗެލްސީއަށް 6 ޕޮއިންޓް ލިބޭއިރު ގްރޫޕް އެޗް ގެ އެއްވަނަ ޗެލްސީއަށް ލިބޭނީ 6 ޕޮއިންޓްގައި އޮތް އަޔޭކްސް ބަލިކުރުމުންނެވެ. ތިންވަނާގައި ވެލެންސިއާ އޮތީ 4 ޕޮއިންޓާއެކުގައެވެ.



