ގިނަ މީހުންނަކީ ދުއްވާއެއްޗިއްސައް އެރުމުން ހޮޑުލަވާ މީހުންނެވެ. އަދި ޚާއްސަކޮށް ކަނޑު މަށްޗަށް އެރުމުން ވަކިންބޮޑަށް ހޮޑުލަވައެވެ. މިކަން މިހެން ދިމާވަނީ ކީއްވެގެން ކަން އެނގޭ ހެއްޔެވެ. ނުވަތަ މިކަން މިހެން ދިމާވާ ސަބަބު އޮޅުން ފިލުވަން މަސައްކަތް ކުރިން ހެއްޔެވެ.
ދުއްވާ އެއްޗިއްސައް އެރުމުން ހޮޑުލަވަން މެދުވެރިވަނީ ސިކުނޑިއަށް އަރާ އޮޅުމެއްގެ ސަބަބުން ނެވެ. އެއީ ކަންފަތުގެ އެތެރެބަޔާއި، ލޮލާއި އަދި ހަށިގަނޑުގެ ބެލެންސް ނުވަތަ ހަމަ ހިފެހެއްޓުމުގައި ބައިވެރިވާ އެހެން ބައިތަކުން ސިކުނޑިއަށް ފޮނުވައިދޭ މެސެޖު ތަފާތުވުމުންނެވެ. ސިކުނޑިން ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް މިހުރިހާ މައުލޫމާތެއް ބޭނުންކުރަނީ އެއްކޮށްލައިގެންނެވެ. އެހެންކަމުން އެތެރެ ކަންފަތުންނާއި ލޮލުން ފޮނުވައިދޭ މެސެޖުތައް ދިމާނުވާނަމަ ސިކުނޑިއަށް އޮޅުން އަރައި ހޮޑުލަވާ ގޮތް މެދުވެރިވެއެވެ.
މިސާލަކަށް މީހަކު ބޭރު ނުފެންނަ ގޮތަށް ދޯންޔެއްގައި ހުރިކަމުގައި ވީނަމަވެސް އަރިއަރިއަށް ހެލޭކަން ނުވަތަ ކުރިއަށް ދާކަން އެތެރެ ކަންފަތަށް އިހުސާސް ވެއެވެ. އެހެންކަމުން ކަންފަތުގެ އެތެރެބައިން މީހާ ހަރަކާތް ކުރާކަމަށްބުނެ ސިކުނޑިއަށް މެސެޖް ފޯރުކޮށްދެއެވެ. ނަމަވެސް ބޭރު ނުފެންންންމަ ލޮލަށް އެއްވެސް ތަނެއް ހަރަކާތް ކުރާ މަންޒަރެއް ނުފެންނާނެއެވެ. ވީމާ ލޮލުން ސިކުނޑި އަށް މެސެޖް ފޯރުކޮށްދެނީ މީހާ ހަރަކާތް ނުކުރާކަމަށް ބުނެއެވެ. ވީމާ ސިކުނޑިއަށް މީހާ ހަރަކާތް ކުރާކަމެއް ނުވަތަ ހަރަކާތް ނުކުރާކަމެއް ޔަގީންނުވެ އޮޅުންބޮޅުން އަރާ ހޮޑު ލެވުމަށް މެދުވެރިވެއެވެ.
ދުއްވާ އެއްޗިއްސައް އެރުމުން ހޮޑުލެވުމުން ދުރުވާން ބޭނުންނަމަ ބޭރު ފެންނަގޮތަށް ކުޑަދޮރެއް ކައިރީ ހުރެވޭތޯ ބަލާށެވެ. ނުވަތަ މާ ބޮޑަށް ބަންދު ނޫން ތާޒާ ވައިލިބޭ ފަދަ ތާކު ހުންނާށެވެ. އަދި ލޯ މަރައިގެން އޮތުމަކީވެސް ހޮޑުލެވުން ދުރުކޮށްދޭނެ ކަމެކެވެ.