އަހަރެމެން މިދެކޭ ސްމާޓްފޯނަކީ މީގެ 27 އަހަރުކުރިން އީޖާދުކުރި އެއްޗެކެވެ. 27 އަހަރުގެ މިމުއްދަތުގެ ތެރޭގައި އެފޯނަށް ތަފާތު ގިނަ ބަދަލުތައް އައިސްފައިވެއެވެ. ފޯނުގެ ޑިޒައިންތަކަށާއި ސައިޒުތަކަށެވެ. ފޯންގެ ސިސްޓަމް ވާޝަންސްތަކަށާއި އެޕްލިކޭޝަންސްތަކަށެވެ.
އިންސާނާ ހިތްއެދޭހާ ކަންތައްތައް ހިމަނަމުން ތަރައްޤީވަމުން އައި މިފޯނުވީ ދިރިއުޅުމަށް ވަރަށް ފަސޭހަ ސްމާޓް އެއްޗަކަށެވެ. ޖީބަށްވެސްލެވޭ ކުޑަކުޑަ މިޑިވައިސްއަކީ މިހާރު އެއާ ނުލައި ނޫޅެވޭ ވަރުގެ އެއްޗެކެވެ.
އަވަދިނެތި އުޅެމުންމިދާ ދިރިއުޅުމުގައި ކުރަންޖެހޭ ކަންތައްތައް ކޮއްލަން ލުއި ފަސޭހަކޮށްދިން މިފޯންގެ މުހިންމުކަން އަހަރެމެންގެ ދިވެހި މުޖުތަމަޢުއިންވެސް އެދަނީ ފެންނަމުންނެވެ. ލޯބޯ ކޮށިވެ މުސްކުޅިވެފައިވާ މީހުންވެސް ސްމާޓް ފޯނުތައްގަނެ ދަރިންގެ އެހީގައި އެފޯން ހާކަން އެދަސްކުރަނީ އެފޯނުގެ މުހިންމުކަން ބޮޑު ކަމުން ނޫން ހެއްޔެވެ؟
ތެދެކެވެ. ސްމާޓްފޯން އަހަރެމެން ސްމާޓްކޮށްފިއެވެ. ދިރިއުޅުން ފަސޭހަކޮށްފިއެވެ. ދުރުގައިވާ އާޢިލާ މެމްބަރުންނާ ރައްޓެހިން ގާތްކުރިއެވެ. އެމީހުންގެ ހާލު ލޯ ކުރިމައްޗަށް ވަގުތުން ދެއްކިއެވެ. ކިޔަވާކުދިންނަށް ކިޔެވުމަށް އިތުރު މަގަކަށްވިއެވެ. މަސްވެރިންނާއި ދަތުރުވެރިންގެ މަންޒިލް ކުރަހައިދިނެވެ. މިހެންގޮސް ދުނިޔޭގައި އިންސާނާ އެޔާ ނުލައި ނުކުރެވޭނެކަމެއް ނެތޭ ބުނާ ވަރަށް ސްމާޓްފޯންމިވަނީ ތަރައްޤީވެފައެވެ.
ތަރައްޤީވެފައިވާ ސްމާޓްފޯނާއެކު އުފެދޭ ސުވާލަކީ ސްމާޓްފޯންގެ އެހީގައި އަހަރެމެން ހަމަ އަސްލުވެސް ސްމާޓްވި ހެއްޔެވެ؟ އަހަރެމެންނަކީ މުސްލިމުންކަމަށްވެފައި ދުނިޔެއާއި އާޚިރަތަކީ އަހަރެމެން ޤަބޫލުކުރާ ދެތަނެކެވެ. ދުނިޔެމައްޗަށް ސްމާޓްވާން މަސައްކަތްކުރާ ފަދައިން އާޚިރަތަށް ތައްޔާރުވާން މިސްމާޓްފޯންގެ އެހީ ކިހާވަރަކަށް އަހަރެމެންނަށް ބޭނުން ކުރެވޭ ހެއްޔެވެ؟
ކުރިންވެސް ބުނިހެން ދުނިޔޭގައި އިންސާނާ ކުރަން ބޭނުންވާ ގިނަކަންތައްތައް ކުރުމަށް އެހީވެދޭ އެޕްލިކޭޝަންސްތައް ސްމާޓްފޯނުގައި ހިމަނާފައިވާއިރު، އާޚިރަތަށް ތައްޔާރުވުމަށް އެހީވެދޭނެ އެތަކެއް އެޕްލިކޭޝަންސްތަކެއްވެސް ސްމާޓްފޯނަށް ތައްޔާރުކުރެވިފައި އެބަހުއްޓެވެ. މިފަދަ އެޕްތައް އަހަރެމެނަށް ބޭނުންކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟
ނަމާދު ވަޤުތު އަންގައިދޭ "ސަލަތު އެމްވީ" އިންސްޓޯލްކުރަނީ ހަމައެކަނި ރަމަޟާން މަހަށެވެ. ޤުރުއާން އެޕެއް ހުރިނަމަ ބޭނުންނުކޮށް ހުރެހުރެ އެކްސްޕަޔާވެ ހުންނަނީ އަލުން އިންސްޓޯލްކުރަންޖެހޭ ހިސާބަށް ގޮސްފައެވެ. ދީނީ އެޕްތަކަށް ގިނަ ފޯނުން ލިބިފައިވަނީ %1ގެ ޖާގައެކޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.
ސޯޝަލްމީޑިއާ އެޕްތަކުގެ ނޮޓިފިކޭޝަންސް ބަލަން މިނަޓް އެއްފަހަރުހެން އިންޓަނެޓާ ކަނެކްޓް ކޮށްލެވޭއިރު، ދީނީ އެޕެއްގެ ނޮޓިފިކޭޝަންއެއް މުހިންމު ވެގެން ކިޔާލީ އަޅެ ތީގެތެރެއިން ކިތަށް މީހުން ހެއްޔެވެ؟ ދަރިފުޅާއެކު ހޭދަކޮށްލަން ލިބޭ ވަގުތުގައި ކުއްޖާއަތަށް ފޯނެއް ނުވަތަ ޓެބްލެޓެއްދީ ބެލެނިވެރިން އޮންލައިންވަނީ ހަމަ ސްމާޓްކަމުން ހެއްޔެވެ؟ ތަފާތު ވާހަކަތަކާއި މުނިފޫހި ފިލުވުމުގެ ޚަބަރުތައް ސްމާޓްފޯނުގެ އެހީގައި އިންޓަނެޓްގެ ޒަރީއާއިން ހޯދާއިރު ދީނީ މަޢުލޫމާތުވެސް ހޯދާ ދީނީ އަޤީދާ ވަރުގަދަ ކުރަން މަސައްކަތްކޮށްލުން ކީއްތޯއެވެ؟ ދަރިންނަށް ޓެބްލެޓުން އަބަދު ގޭމް ކުޅެން ދިނުމުގެ ބަދަލުގައި ޓެބްލެޓްގެ ޒަރީއާއިން ކީރިތި ޤުރުއާން އުނގެނުމަށް މަގުފަހިކޮށްލަދިނުން ވަކި ސްމާޓްކަން ކުޑައީ ހެއްޔެވެ؟
ސްމާޓްފޯން ހެޔޮގޮތުގައި ބޭނުންކޮށް، އޭގެއެހީގައި އަހަރެމެންގެ އިސްލާމްދީން އިތުރަށް އުގެނުމަށް މަސައްކަތެއްކޮށްލުން ކީތޯއެވެ؟ ދުނިޔެ މައްޗަށް ސްމާޓްވެފައިވާ ފަދައިން ސްމާޓްފޯނުގެ އެހީގައި އާޚިރަތަށް ތައްޔާރުވާން މަސައްކަތްކޮށްލުން ކިހާ ސްމާޓްވާނެ ހެއްޔެވެ؟
ހަމަކަށަވަރުން ﷲ ގެ މަގު އެދޭ މީހާއަށް ﷲ އެމަގު ފަހިކޮށްދެއްވައެވެ. އަދި ޝައިތާނާގެ މަގު އެދޭ މީހާ އެމަގަށް ދޫކޮށްލައްވައެވެ. ތިމާގެ ނަފްސަށް ލިބޭ ގެއްލުމާއި ހަލާކަކީ ތިމާ އަމިއްލައަށް ހޯދައިގަންނަ ކަމެކެވެ. ރައްކާތެރިކަންއޮތީ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ރައްކާތެރިވުމުންނެވެ.
ހިޔާލު
There are many people who use the salat apps daily all throughout the year; not only in ramadan
ސަޅިއޭ ލިއުންތައް
ކޮމެންޓް ކުރުން ބަންދު