އުމުރުން އެންމެ 24 އަހަރުގެ ޒުވާނަކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބިލިއަނަރަކަށްވެއްޖެއެވެ. ހޮންގ ކޮންގ އަށް ނިސްބަތްވާ އެރިކް ސޭ، އޭޝިޔާގެ ބިލިއަނަރުންގެ ކްލަބަށް އިތުރުވެފައިވަނީ، އޭނާގެ އާއިލީ ކުންފުނީގެ ހިއްސާއެއް ލިބުމުންނެވެ.
އެމެރިކާގައި ހުންނަ ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ ވާޓަން ސްކޫލް އޮފް ފައިނޭންސް އިން ދާދިފަހުން ދަސްވެނިވި އެރިކް އަށް، ކުންފުނީގެ ހިއްސާ ދީފައިވަނީ ހަދިޔާއެއްގެ ގޮތުގައެވެ. ބޭހުގެ ވިޔަފާރި ކުރާ މި ކުންފުނިން، ޒުވާނާއަށް ދިން ހިއްސާގެ އަގު 3.88 ބިލިއަން ޑޮލަރަށް އަރައެވެ.
ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އެރިކުގެ މައިންބަފައިންނަކީ ސީނޯ ފާމަސޫޓިކަލް ލިމިޓެޑުގެ ދެ އެގްޒެކެޓިވް ޑައިރެކްޓަރުންނެވެ.
ބިލިއަނަރެއްގެ ގޮތުގައި އެރިކް ފާހަގަވެގެން ދިޔަކަމުގައިވިޔަސް، އޭނާގެ އަމިއްލަ ނަމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ވެލްތު ލިސްޓުތަކުގައި އޭނާގެ ނަން ހިމެނުމަށް އޭނާ ބޭނުން ނުވެއެވެ. އޭގެ ބަދަލުގައި ބޭނުންވަނީ، މި ލިސްޓުތަކުގައި އޭނާގެ އާއިލާގެ ނަން ހިމެނުމަށެވެ. އަދި، ބިލިއަނަރެއްގެ ގޮތުގައި މާ މަޝްހޫރުވުމަށްވެސް އޭނާ ނޭދެއެވެ.
ބިލިއަނަރެއްގެ ގޮތުގައި މާ މަޝްހޫރުވުމަށް ނޭދުނުކަމުގައިވިޔަސް، އޭނާއަކީ މަޝްހޫރު އެތައް ބަޔަކާ ގުޅުން އޮންނަ މީހެކެވެ. މިކަން އޭނާގެ އިންސްޓަގްރަމް އިން އެނގެއެވެ. އޭނާއަކީ ދުނިޔޭގެ އެތައް ސިޔާސީ ލީޑަރުންނާއި، ކުޅިވަރު ކުޅުންތެރިންގެ އިތުރުން، ފިލްމު ކުޅޭ މީހުންނާއި ލަވަކިޔުންތެރިންނާއެކު ވަގުތު ހޭދަކުރާ މީހެކެވެ.
މީގެކުރިން، ޗައިނާ ސަރުކާރުގެ ބައެއް މަޤާމުތައްވެސް އެރިކް ފުރާފައިވެއެވެ.



