ބޮޒްނިޔާ އިން އިންސާނީ ކާރިސާއެއްގެ ކޮޅުމަތި

ޔޫރަޕުގެ ބޮޒްނިޔާ އާއި ކްރޮއޭޝިޔާއާ ގުޅޭ ސަރަޙައްދީ ރޮނގުގެ ސަރަޙައްދުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގެ ހާލަތު، ހީވެސްނުކުރާހާ ދަށު ދަރަޖައަކަށް ގޮސްފައިވާކަމަށާއި، މި ކޭމްޕުތަކުން ފެންނަމުންދަނީ އިންސާނީ ކާރިސާއެއްގެ ކޮޅިމަތިކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

އިންޓަނޭޝަނަލް ރެޑް ކްރޮސް އިން ބުނެފައިވާ ގޮތުގައި، މި ސަރަޙައްދުގައި ހުރި ކޭމްޕުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް، މިހާރުން މިހާރަށް ރައްކާތެރި އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހެއެވެ.

އެފަރާތުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވުކްޖަކް ކޭމްޕް ނަމަކަށް ކިޔާ ސަރަޙައްދަށް އާއްމުން ކިޔާ އުޅެނީވެސް ޖަންގަލިކަމަށެވެ. އެތަނުގައި ބޯން އަދި ސާފުތާހިރުވުމަށް ފެން ލިބޭނެ އެއްވެސް ވަސީލަތެއް ނެތެވެ. ޒަރޫރީ ބޭނުންތައް ފުއްދަން ކަރަންޓުވެސް ނުލިބޭއިރު، ފާޚާނާއެއްވެސް ނެތެވެ. މިކަންކަން މި ހާލަތުގައި ހުރިއިރު، މުޅި ސަރަހައްދު އޮތީ ތޮއްޖެހިފައެވެ.

މީގެއިތުރުންވެސް، ރެޑް ކްރޮސް އިން ބުނާގޮތުގައި އެކި އަނިޔާތައް ލިބިފައިވާ އެތައް ބަޔަކު މި ތަނުގައި ދަނީ ދިރިއުޅެމުންނެވެ. އެގޮތުން، އަތް ނުވަތަ ފައި ބިނދިފައިވާ ގިނަ އަދަދެއްގެ ބަޔަކު ދަނީ މި ތަނުގައި ދިރިއުޅެމުންނެވެ.

މި ޓެންޓުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ އަދަދަށް މީހުން ނެތްކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް 23،000 މީހުންވަނީ ރެފިއުޖީންގެ ގޮތުގައި ބޮޒްނިޔާ އަށް އެތެރެވެފައެވެ. އެމީހުން މި ޤައުމަށް އެތެރެވަނީ އީޔޫގެ މެންބަރު ދައުލަތް، ކްރޮއޭޝިޔާ ތެރެއިން، ވިލާތު އިއްތިހާދުގެ ޤައުމުތަކަށް އެތެރެވުމަށެވެ.

މިހާރުވެސް ބޮޒްނިޔާގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ރެފިއުޖީން އުޅެމުންދާއިރު، މަގުތަކުގަޔާއި ފަޅުގެތަކުގައި އެމީހުން ދަނީ ދިރިއުޅެމުންނެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ