ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ވިޓޯރިއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ބަދަލުކު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނިކޮލަސް ޕެޕޭ އާސެނަލް މޮޅުކޮށްދީފިއެވެ.
2-1 ގެ ނަތީޖާއަކުން ބަލިވާން ދަނިކޮށް އާސެނަލްގެ ކޯޗު އުނައި ޕެޕޭ ކުޅުމަށް ނެރުނީ މެޗުގެ 75 ވަނަ މިނަޓްގައި ލަކަޒެޓްގެ ބަދަލުގައެވެ. އެއަށްފަހު ދެ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ދެ ގޯލާއެކު އޭނާވަނީ އާސެނަލް މޮޅުކޮށްދީފައެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައިފައިވަނީ ވިޓޯރިއާއިންނެވެ. މެޗުގެ 8 ވަނަ މިނަޓްގައި މާކަސް އެޑްވާޑް ޖަހައިދިން ލަނޑާއެކު ވިޓޯރިއާއިން ލީޑު ނެގިއިރު، އާސެނަލްއިން ވަނީ 32 ވަނަ މިނަޓްގައި ގެބްރިއެލް މާޓިނެލީ ކާމިޔާބުކޮށްދިން ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެހެންނަމަވެސް އޭގެ ހަތަރު މިނަޓްފަހުން ބްރޫނޫ ޑުއާޓޭ ކާމިޔާބުކޮށްދިން ލަނޑަކާއެކު އަނެއްކާވެސް ވިޓޯރިއާއަށް ލީޑު ލިބުނެވެ. މެޗުގެ ފުރަތަމަ ހާފު ނިންމާލާފައިވަނީވެސް ވިޓޯރިއާއިން ލީޑުގައި އޮވެއެވެ.
ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ޙަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގައި ދެވަނަ ފަހަރަށް އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނިކޮލަސް ޕެޕޭއެވެ. ހިލޭ ޖެހުމަކުން ޕެޕޭ ކާމިޔާބުކޮށްދިން މިލަނޑަކީ 25 ޔާޑު ދުރުން ކާމިޔާބުކުރި ލަނޑެކެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭޖެހުމަކުން އިތުރު ލަނޑެއްޖަހައި ޕެޕޭވަނީ ނަތީޖާ އާސެނަލްކޮޅަށް އަނބުރާލާފައެވެ. ރެކޯޑް އަގަކަށް އާސެނަލްއާއި ގުޅުނު ޕެޕޭވަނީ އެންމެފަހުން ކުޅުނު 12 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގައިވެސް އާސެނަލްއިން މެސުޓް އޮޒިލް ހިމަނާފައިނުވާއިރު، ސަޕޯޓަރުންވަނީ ބޭނާތަކާއެކު އެކަމާ ނުރުހުންފާޅުކޯށްފައެވެ.
ރޭގެ މޮޅާއެކު ގްރޫޕް ކުޅުނު ތިން މެޗުންވެސް މޮޅުވެ އާސެނަލް އޮތީ ގްރޫޕް އެފް ގެ އެއްވަނައިގެ ގޮތުގައެވެ. ދެވަނާގައި ފްރެންކްފާޓްއޮތީ 6 ޕޮއިންޓާއެކުގައެވެ.




