މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުމުގައި ބައިވެރިވި އެ ޖަމްޢިއްޔާގެ މެމްބަރެއް ކަމަށްވާ އަޛްރާ ނަސީމާއި އެ ޖަމިއްޔާގެ ފައުންޑަރ މެމްބަރު އަދި އެކްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ ޢިސްމާއިލް އެމައްސަލައިގެ ތަޙުޤީޤަ ހާޟިރު ވުމަށް ސާދަ ދުވަހުގެ މުއްދަތެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެމީހުންނަށް ދީފިއެވެ.
އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ ފުލުހުން ފޮނުވި ޗިޓާ އެ ދެ މީހުންވެސް މިހާރު ހަވާލުވެފައިވާކަމަށެވެ.
އަދި 14 ދުވަހުގެ ތެރޭގައި ތަޙުޤީޤަށް ޙާޟިރުވާން އެޗިޓުގައި އެ މީހުންނަށް އަންގައިފާ ކަމަށްވެސް ރިޔާޒްވަނީ ވިދާޅުވެފައެވެ.
ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓް ދީނީ ތިން ޢިލްމުވެރިއަކު މެދުވެރިކޮށް ދިރާސާ ކުރަމުންދާ ކަމަށާއި، ދިރާސާއަށްފަހު ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވެފައިވާއިރު، އެދިރާސާގެ މަސައްކަތް ފެށޭ ހަފުތާގައި ނިންމާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީއެން އުވާލާ އެޖަމްޢިއްޔާގެ އިސްފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށްއެދި މިއަދު ވެރިރަށް މާލޭގައި ޞުލްޙަވެރި މުޒާހަރާއެއްކޮށްފައިވެއެވެ.



