އަވައްޓެރި އިންޑިއާގައި ދިވެހިރާއްޖޭގެ ނަން ވިދުވާލުމަށްފަހު "ކޫޑޯ މޯލްޑިވްސް" އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަކްޝޭ ކުމާރު އިންތިޒާމުކުރި އަދި އިންޑިއާގެ އެންމެ ގިނަ މީހުން ބައިވެރިވި ކޫޑޯ މުބާރާތަކަށް ދިއުމަށް “ކޫޑޯ ޑައިޑޯ ޖުކޫ މޯލްޑިވްސް” އިން ފަސް ދިވެހިން އިންޑިއާއަށް ފުރާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މިމަހުގެ 22، 23 އަދި 24 ގައި ގުޖުރާތުގައި ހުންނަ ޕަންޑިތު ދީންދަޔާލް އުޕާދޭ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މިމުބާރާތުގައި ބައިވެރިވި ހުރިހާ ދިވެހިންވެސްވަނީ ވަރަށް ރަނގަޅު ފައިޓެއް ދީފައެވެ.
އެގޮތުން ރާއްޖެއިން ބައިވެރި ފަސް ކުޅުންތެރިންގެ ޓީމުން 2 ރަންމެޑަލް 2 ރިހިމެޑަލް އަދި 1 ލޯ މެޑަލް ހޯދާފައިވެއެވެ. މުޙައްމަދު އަޙުނަފް ޝަފީޤު "ކޫޑޯ" (ފިޒިކަލް އިންޑެކްސް) ގެ 230 ން ދަށުގެ ބައިން ރަން މެޑަލް ހޯދާފައިވާއިރު، އިބްރާހިމް ނަޖާޙު ރަން މެޑަލް ޙާސިލް ކޮށްފައިވަނީ 250 ން ދަށުގެ ބައިންނެވެ.

މިމުބާރާތުގައި އަހުނަފް ރަން މެޑަލް ހޯދާފައިވަނީ، 230 ން ދަށުގެ ބައިގައި އިންޑިއާގެ އެތްލީޓަށް ދިމާވި އިންޖަރިއަކާއި ގުޅިގެން މުބާރާތުގައި ވާދަ ނުކުރެވުމުގެ ސަބަބުން ދެން އިން ރާއްޖޭގެ އެތްލީޓާއި ވާދަކޮށްގެންނެވެ. އަދި ދެވަނަ ރަން މެޑަލް ކަށަވަރު ކުރި ނަޖާހު ރަން މެޑަލް ހޯދާފައިވަނީ 250 ން ދަށުގެ ބައިން އިންޑިއާގެ ޤައުމީ ޓީމުގެ ކުޅުންތެރިއަކާއި ވާދަކޮށް ފުރަތަމަ ބުރުގައިި އެއްވަރުވުމުން ދެވަނަ ބުރަކަށް ގޮސްގެންނެވެ.
އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ ސްޓާފް ސާޖަންޓް އިބްރާހިމް ނަޖާޙްއަށް މަރުޙަބާ ދަންނަވާފައެވެ.
Congratulations to SSGT Ibrahim Najah from Special Forces for winning gold medal in the PI 240 category at the 11th Akshay Kumar International Kudo Tournament. Congratulations to the other Maldivian athletes as well for an amazing performance. pic.twitter.com/LoC3B7P5Yr
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) October 26, 2019
މީގެއިތުރުން ރާއްޖޭގެ ޓީމާއެކު ބައިވެރިވި ސްރީލަންކާގެ އެތްލީޓެއް 260 ން ދަށުގެ ބައިން ރިހި މެޑަލް ހޯދާފައިވާއިރު، ރާއްޖެއިން ރިހި މެޑަލް ހޯދި ހުސެއިން ޒިލާލް ރިހި މެޑަލް ހޯދާފައިވަނީ 240 ން ދަށުގެ ބައިން ކަމަށްވެސް ކޫޑޯ މޯލްޑިވެސްގެ ޓީމުން މައުލޫމާތު ދީފައިވެއެވެ. ދެވަނަ ރިހި މެޑަލް ހޯދި އަޙްމަދު މުސްއަބު ޙުސައިން މެޑަލް ހޯދާފައިވަނީ 230 ން ދަށުގެ ބައިން ވާދަކޮށްގެންނެވެ. ލޯމެޑަލް ލިބުނު އަބްދުﷲ ފިރުޝާން ވާދަކޮށްފައިވަނީ 240 ން ދަށުގެ ބައިގައެވެ.

ޖުމްލަ 5200 ކުޅުންތެރިން ބައިވެރިވި، މިމުބާރާތުގައި ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީއަށް ފަޚުރުވެރިވާކަމަށް "ކޫޑޯ މޯލްޑިވްސް" އިން ވަނީ ބުނެފައެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ ކޫޑޯ މާލެ ބްރާންޗް 2 ކުޅުންތެރިނާއި، ޝާކްސް މާޝަލް އާރޓް އެކަޑަމީގެ 2 ކުޅުންތެރިންގެ އިތުރުން ޝީން އަޓެމީ މޯލްޑިވްސްގެ 1 ކުޅުންތެރިއެކެވެ.
ކޫޑޯ ބްލެކް ބެލްޓް އަދި އިންސްޓްރަކްޓަރ އަޝްޙަމް ޢަބްދުﷲ ގެ ދަށުން ދެމަސް ދުވަހުގެ ކުރިއަށްގެންދިޔަ ވަރުގަދަ ޓްރެއިނިންގތަކަށްފަހު މިއަހަރު ރާއްޖޭގެ ޓީމު ގޮސްފައިވަނީ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވުމަށްފަހުކަމަށްވެސް ކޫޑޯ މޯލްޑިވްސްއިން ބުނެއެވެ. އަދި ރަނގަޅު ވަޞީލަތްތަކާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ފަރިތަކުރެވޭނަމަ ރާއްޖެއަށް ލިބޭ މެޑަލްތައް މިއަށްވުރެވެސް އިތުރުވާނެކަމަށް “ކޫޑޯ މޯލްޑިވްސް” އިން ބުނެއެވެ.

ވަރަށް ފުޅާކޮށް ބޭއްވުނު މިމުބާރާތުގައި ދުނިޔޭގެ ދެ ރެކޯޑެއް މުގުރާލާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މޮހޮރު ޖަހާފައިވާ ބެޑުގައި އެންމެ ގިނަ ލެޔަރއާއެކު އޮތުމުގެ ރެކޯޑުވަނީ މުގުރާލާފައެވެ. އެގޮތުން ޖުމްލަ 9 ލެޔަރ ބޭނުންކޮށްފައިވެއެވެ. އަދި އިންސާނާގެ ކަރު ބޭނުންކޮށްގެން 90 ޑިގްރީއަށްވުރެ ބޮޑަށް ދަގަނޑު ލެއްބުމުގެ ރެކޯޑެއްވެސް ހަދާފައިވެއެވެ. މިރެކޯޑުގައި 1 މިނަޓް ތެރޭ 21 ދަނގަޑު ބުރި ލަންބާފައިވެއެވެ.
މުބާރާތުގެ ރާއްޖެއިން ބައިވެރި "ކޫޑޯ މޯލްޑިވްސް" ގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސާފައިވަނީ ސްޕޮންސަރ އިންނާއި އަކްޝޭ ކުމާރުކަމަށް އެފަރާތުން ބުނެއެވެ. މީގެއިތުރުން މިއަރުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވާތީ އަކްޝޭ ކުމާރު އެކަމަށް ޝުކުރުއަދާކޮށްފައިވާކަމަށްވެސް "ކޫޑޯ މޯލްޑިވްސް" އިން ވަނީ ބުނެފައެވެ.

މިކުޑަކުޑަ ރާއްޖޭގެ ނަން މިސަރަޙައްދުގެ ބޮޑުބާރެއްކަމަށްވާ އިންޑިއާގައި ވިދުވާލުމަށްފަހު "ކޫޑޯ މޯލްޑިވްސް" ގެ ޓީމު އެނބުރި އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.




