ލެވެންޑޯސްކީ ބުންޑެސްލީގާގައި އައު ރެކޯޑެއް ހަދައިފި

ޖަރުމަން ބުންޑެސްލީގާގައި ރޭ ޔޫނިއަން ބާލިންއާއި ދެކޮޅަށް ކުޅުނު މެޗުގައި ޖަހައިދިން ލަނޑާއެކު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވެންޑޯސްކީ އާ ރެކޯޑެއް ހަދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނަޓްގައި ބެންކަމިން ޕަވާޑް ކާމިޔާބުކޮށްދީފައިވާއިރު، ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ މިނަތީޖާއާއެކުއެވެ.

ދެވަނަ ހާފު ފެއްޓުނުތާ 8 މިނަޓްފަހުން ލެވެންޑޯސްކީ އިތުރު ލަނޑެއްޖަހައި ބަޔާނަށް ލީޑު ފުޅާކޮށްދިނެވެ. ލެވެންޑޯސްކީގެ މިލަނޑާއެކު ބުންޑެސްލީގާގެ ފުރަތަމަ ނުވަ މެޗުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިއަކަށް އޭނާވަނީ ވެފައެވެ. މިއީ ބުންޑެސްލީގާގެ އައު ރެކޯޑެކެވެ. މިސީޒަންގައި ފޯމުގައި ހުރި ލެވެންޑޯސްކީ މިހާތަނަށްވަނީ ލީގުގައި 13 ލަނޑު ކާމިޔާބުކޮށްދީފައެވެ.

"އަހަރެން އަބަދުވެސް މަސައްކަތްކުރަނީ މެޗުގައި ކުޅެވޭ އެންމެ ރަނގަޅަކަށް ކުޅެވޭތޯ. މެޗުން މޮޅުވުމުން މިހުރީ ވަރަށް އުފަލުން." ލެވެންޑޯސްކީ ބުންޏެވެ.

މީގެ އިތުރުން ލެވެންޑޯސްކީ ބުނީ، ރެކޯޑު ހެދުނީމާ އެކަމާ އުފާވާކަމަށާއި، ނަމަވެސް ބޮޑަށް ވިސްނަނީ ރަނގަޅަށް ޓްރެއިނިންގކޮށް އަދިވެސް ރަނގަޅު ކުޅުމެއް މެޗުތަކުގައި ދެއްކޭތޯކަމަށެވެ.

ރޭގެ މެޗު އެއްކޮށްހެން ކޮންޓްރޯލް ކޮށްފައިވަނީ ބަޔާނުންނެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުގައި ލިބުނު ޕެނަލްޓީއަކުން ސަބޭސްޓިއަން ޕޮލްޓާ ކާމިޔާބުކޮށްދިން ލަނޑަކާއެކު ޔޫނިއަން ބާލިން މެޗު ނިންމާލީ ފަރަގު ކުޑަކުރުމަށްފަހުގައެވެ.

މިހާތަނަށް ކުޅުނު 9 މެޗުން ލިބުނު ޖުމްލަ 18 ޕޮއިންޓާއެކު ބަޔާން އޮތީ ތާވަލްގެ އެއްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ