ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ފުވައްމުލަކު ސިޓީގެ ނައިބު ތުއްތު ހިނގުން (ރިންގް ރޯޑް) ހެދުމުގެ މަޝްރޫޢުގެ ތާރުއެޅުމުގެ މަސައްކަތް 25 އޮކްޓޯބަރ 2019 ގައި މިކުންފުނިން ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ކުރިން، މިމަޝްރޫޢޫގެ ޑިޒައިނަށް ބަދަލުގެނެސްގެން މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާއިރު، ޑިޒައިނަށް ގެނެވުނު މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސްކޯސް ފަށަލާއިގެ ބަދަލުގައި ހިލަ ބޭސްކޯސް (އެގްރިގޭޓް ބޭސް ކޯސް) ފަށަލައަކަށް ބަދަލުކުރުމެވެ.

އެމްޓީސީސީ އިން ވިދާޅުވީ، އެގްރިގޭޓް ބޭސް ކޯސް މެޓީރިއަލް ބޭނުންކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމީ، މިފަދަ މަޝްރޫޢުތައް މީގެކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލާ މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި ކަމަށާއި، މި މަޝްރޫޢުގެ ޑިޒައިނަށް މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޝްވަރާގެ މަތީން ކަމަށެވެ.
"ފުވައްމުލަކުގެ ނައިބު ތުއްތު ހިނގުމުގެ މަގުހެދުމުގެ މަސައްކަތް މިކުންފުނިން ފަށާފައި ވަނީ ކުރިން އެމަގުގައި ތާރު އަޅައި ނިންމާފައި އޮތް ހިސާބުން. އަދި މިމަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖަސައްސާފައިވަނީ ތިން ބަޔަކަށް ބަހާލައި، މަގު ބަންދުކޮށްގެން." އެމްޓީސީސީ އިން ވިދާޅުވިއެވެ.

ފުވައްމުލަކު ނައިބު ތުއްތު ހިނގުން ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސީއާއެކު ސޮއިކުރީ 27 މާޗް 2019 ގައެވެ. މިމަޝްރޫޢުގެ ދަށުން 24300 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާ އެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ބައްތިރީސް މިލިއަން ރުފިޔާއެވެ.
								
											

