ކާން ފެށުމުގެ ކުރިން ކާއެއްޗެހީގެ ފޮޓޯ ނުނަގަންޏާ ހިތް ހަމަވެސް ނުޖެހެނީއެވެ. މިހާރު މިއީ ގިނަބައެއްގެ ކަށީގައި ހިފާފައި ހުރި އާދައެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިއީ ހަމަ އެކަނި އަންހެން ކުދިން ކޮށް އުޅޭކަމެއް ނޫނެވެ. އަންހެން ކުދިންނަށް ދޫނުދީ ފިރިހެން ކުދިންވެސް ކުރަމުންން އަންނަ ކަމެކެވެ.
ރެސްޓޯރެންޓަކަށް ކާން ދިޔަޔަސް ނުވަތަ ތަނަކަށް ކޮފީއެއް ބޯލަން ދިޔަޔަސް ފުރަތަމަ ކަމަކަށް ފޮޓޯއެއް ނަގާ އިންސްޓަގްރާމް ނުވަތަ ސްނެޕް ސްޓޯރީ އަށް ނުލަންޏާ މީހަކަށް ނުވެއެވެ. ކެއުމަށް ހޭދަވާ ވަގުތަށްވުރެ ފޮޓޯ ނަގަން ހޭދަވާ ވަގުތު ހަމަގައިމުވެސް މިހާރު މަދެއް ނުވާނެއެވެ. ދިހަ ބާރަ ފޮޓޯ ނެގިޔަސް އަދި ހިތްހަމަޖެހޭ ވަރުގެ ފޮޓޯ އެއް ނުނެގެއެވެ. މިއީ މިހާރުގެ އާދައެވެ.
ކާން ގެންނަ ސަބްމެރީން ނުވަތަ ޕިއްޒާ ހިހޫވާއިރު އަދި ފޮޓޯ ނަގާ ނުނިމެއެވެ. ހީވަނީ ހިތް ހަމަޖެހޭވަރަށް ފޮޓޯ ނުނަގައިފިނަމަ ކާއެއްޗެހީގެ ރަހަ ނުބައިވަނީ ހެންނެވެ. ކާއެއްޗިއްސައް ހުންނަ ފޯރިއަށްވުރެ މިހާރު މިވަނީ ފޮޓޯ ނެގުމަށް ހުންނަ ފޯރި ގަދަވެފައެވެ. ގަބޫލު ކުރަން އުނދަގޫވިޔަސް މިއީ ލޯކުރިމަތިން ފެންނަމުން އަންނަ ހަޤީޤަތެވެ.
މިއާދަ އަޅުގަނޑުމެންގެ ތެރެއިން ފޮހެލަން އެބަ ޖެހެއެވެ. ތަފާތު އެއްޗެއް ނަމަ ފޮޓޯ ނަގައި ރައްޓެހިންނާއި ހިއްސާ ނުކުރާށެކޭ ނޫނެވެ. ނަމަވެސް ދުވާލެއްގެ ތެރޭގައި ތިމާ ކާހާ އެއްޗެއްގެ ފޮޓޯ ނަގައި އޮތްހާ އޮތް ސޯސަލްމީޑިއާ ޕުލެޓް ފޯމަކަށް އެޅުމުން އެދައްކުވައިދެނީ ތިމާގެ ތަސައްރަފު ނުފުދޭ ކަމެވެ. ފަހަރުގައި ތިމާއަށް މިކަން ނޭންގި ދާނެއެވެ. ނަމަވެސް އެފޮޓާތައް ފެންނަ ގިނަ މީހުން ދެކެނީ މިގޮތަށެވެ.