ތޯލިބާނުންނަށް އަމާޒުކޮށް އެމެރިކާ ސިފައިންނާއި އަދި އަފްގާނިސްތާނު ސިފައިން ދިން ވައިގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތޯލިބާނުންގެ 80 ހަނގުރާމަވެރިން މަރާލައިފައި ވާނެކަމަށް އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފިއެވެ.
އަފްގާނިސްތާނުގެ ފަރްޔަބް ޕްރޮވިންސުގެ ފުލުހުންގެ ވެރިޔާ އަބްދުލް ކަރީމް މިއަދު ވިދާޅުވެފައިވަނީ، ހޮނިހިރު ދުވަހުގެ ރޭ ތޯލިބާނުންގެ ހަނގުރާމަވެރިން އެ ޕްރޮވިންސުގެ ޗެކްޕޮއިންޓްތަކަށް ހަމަލާދޭން ފެށުމަށް ރައްދުގައި އަފްގާނިސްތާނުގެ ވައިގެ ސިފައިން ތޯލިބާނުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައި ވާކަމަށެވެ. އަދި މި ހަމަލާ ތަކުގައި ތޯލިބާނުންގެ 53 ހަނގުރާމަވެރިން މަރުވެ 11 ހަނގުރާމަވެރިން ޒަހަމްވެފައި ވާކަމަށެވެ.
ކަންދަހާރުގެ ފުލުހުންގެ މައި އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ ސިފައިން ހިނގި ވައިގެ އޮޕަރޭޝަންތަކުގައި އެ ޕްރޮވިންސްގައި ހަރަކާތްތެރިވާ ތޯލިބާން ހަނގުރާމަވެރިންގެ 33 މީހުން މަރާލައިފައި ވާކަމަށާއި އަދި އިތުރު އަށް ހަނގުރާމަވެރިން ޒަހަމްވެފައި ވާކަމަށެވެ.
ތޯލިބާނުންވަނީ އެމެރިކާގެ ހަނގުރާމަވެރި ގާފިލާއަކަށް އައިއީޑީ މެދުވެރިކޮށް ކަންދަހާރު ޕްރޮވިންސްގައި ހަމަލާދީފައިވާނެ ކަމަށް ބުނެފައެވެ. އަދި މި ހަމަލާގައި އެމެރިކާ ސިފައިންގެ އެއް އުޅަނދު އެކީއެކަށް ހަލާކުވެފައިވާކަމަށްވެސް ތޯލިބާނުން ބުނެއެވެ.
ތޯލިބާނުން މިހާރުވަނީ އަފްގާނިސްތާނުގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އަފްގާނިސްތާނުގެ ސިފައިންނަށް އަމާޒުކޮށް ތޯލިބާނުންދޭ ހަމަލާތައްވެސްވަނީ އިތުރުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ. އެމެރިކާއިން އިސްވެ އޮވެ އަފްގާނިސްތާނުގައި އޮތް ތޯލިބާން ޖަމާއަތުގެ ސަރުކާރު ހަނގުރާމަކޮށް ވައްޓާލިފަހުން އަފްގާނިސްތާނުގައި އަމާންކަން ގާއިމުވެފައެއް ނުވެއެވެ.
އަފްގާނިސްތާނުގައި ހަމަޖެހުން ގާއިމުކުރުމަށް ދާދިފަހުން އެމެރިކާއިންވަނީ ތޯލިބާނުންނާއެކު މަޝްވަރާތަކެއްވެސް ބާއްވައިފައެވެ. ނަމަވެސް މި މަޝްވަރާތައް މެދުކެނޑިފައިވަނީ އެއްވެސް އެއްބަސްވުމަކަށް ނާދެވިއެވެ.