ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ބޭލް، އޭނާއަށް ލިބޭ އަނިޔާތަކުގެ މަޢުލޫމާތު ޙިއްސާ ނުކުރުމަށް ރެއަލްމެޑްރިޑް ގާތު އެދިއްޖެއެވެ.
މިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައި ކޮރޭޝިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއަށްފަހު، ރެއަލްމެޑްރިޑްގެ ފަރިތަކުރުންތަކުގައި ބޭލް ބައިވެރިވެފައެއް ނުވެއެވެ.
ޤާނޫނުން ބޭލްއަށް އޭނާގެ އަނިޔާތައް ސިއްރުކުރަން އެދުމުގެ ބާރު ލިބިފައިވާއިރު، އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބޭލްއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ޙިއްސާކޮށްފައިނުވަނީ މިހެންވެ ކަމަށް ވެދާނެއެވެ.
ބޭލް ދެކޭގޮތުގައި އަނިޔާތަކުގެ މަޢުލޫމާތު އާންމުކުރުމަކީ ކުޅުންތެރިޔާއަށާއި، މުސްތަޤްބަލަށް އެކަމުގެ އަސަރުކުރާނެކަމަކެވެ.
އިންޓަރނޭޝަނަލް ބްރޭކަށްފަހު ރެއަލްމެޑްރިޑު ކުޅުނު ދެމެޗުގައިވެސް ބޭލް ކުޅެފައިނުވާއިރު، ބުދަ ދުވަހުގެ ރޭ ލަގަނެސްއާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ބޭލް ފެނުމުގެ އުންމީދެއްނެތެވެ.
ރެއަލްމެޑްރިޑް އަދި ބާސެލޯނާއިން އެހެން ޓީމުތަކަށްވުރެ އެއްމެޗު މަދުން ކުޅެފައިވާއިރު، ނުވަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ތާވަލްގެ ހަވަނާގައެވެ. އަދި ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތީ ނުވަމެޗުން ލިބުނު 19 ޕޮއިންޓާއެކުގައެވެ.



