މިއަހަރުގެ ކުރީކޮޅު ޑާކްރެއިން އިން ނެރުނު ފިލްމް ”ގޮށް ރާޅު“ ޝްވެކް ސިނަމާގައި އެޅުވުމަށްފަހު ޝްވެކުން ޑާކްރެއިންއަށް ދޭންޖެހޭ ފައިސާ ނުދީވާކަމަށް ބުނެ ޑާކް ރެއިން އެންޓަރޓެއިންމެންޓްގެ އޯނަރ އަދި މަޝްހޫރު ޕްރޮޑިއުސަރ، މުހައްމަދު އަލީ (މޮގާ)ގެ ބޮޑެތި ތުހުމަތުތަކެއް ޝްވެކް ސިނަމާއަށް އަމާޒުކޮށްފިއެވެ.
މޮގާ އިއްޔެ ފޭސްބުކް އަދި ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެވާހަކަތައް އާއްމުކޮށް ދައްކަން ބޭނުންނުވިއަސް، ފައިސާ ނުދޭއިރު ފޯނަށްވެސް ޖަވާބު ނުދޭތީ އެވާހަކަތައް އާއްމުކޮށް ދެއްކުން ނޫންގޮތެއް ނެތްކަމަށެވެ.
މުހައްމަދު އަލީ (މޮގާ) އާއި ހަވާލާދީ "މުނިއަވަސް" ނޫހުގައި ބުނެފައިވަނީ، "ގޮށް ރާޅު"ގެ ފައިސާ ނުދީ 8 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާކަމަށާއި ޝްވެކްގައި އެ ފިލްމް އަޅުވާފައިވަނީ ވިކޭ ކޮންމެ ޓިކެޓްއެއްގެ 60 އިންސައްތަ ޑާކް ރެއިން އެންޓަޓެއިންމެންޓް އަށް، އަނެއް 40 އިންސައްތަ ޝްވެކަށް ލިބޭގޮތަށް ކަމަށެވެ.
”މީހުން ފިލްމް ބަލަން ދާނީ ކްރެޑިޓަށް ޓިކެޓް ނަގައިގެނެއް ނޫން. އެހެންވީމަ ފައިސާ ލިބިފަ ހުންނާނީ“ މޮގާ "މުނިއަވަސް" ނޫހަށް ބުންޏެވެ.
ކްރައިމް ތްރިލާ ޖޯންރާ އަކަށް އުފައްދާފައިވާ މި ފިލްމު ޑައިރެކްޓުކޮށްދީފައިވަނީ އަހްމަދު ޝިނާން އެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ. އަދި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ތައްޔާރުކުރީ މޫމިން ފުއާދު އެވެ.
"ގޮށްރާޅު"ގެ ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދެއެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް އެކި ކަހަލަ ފިލްމުތައްވަނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ތްރިލާ ފިލްމުތައް މީގެ ކުރިންވެސް ގެނެސްދީފައި އެބަހުއްޓެވެ. އެގޮތުން "ހެޕީ ބާތު ޑޭ" އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީވެސް ތްރިލާ ޑާކްރެއިނުން ގެނެސްދީފައިވާ ތްރިލާ ފިލްމުތަކެވެ. "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ.



