"ހުވާ"ގެ ޝޫޓިން އަންގާރަ ދުވަހު ފަށަނީ - ނަހުލާ

ބައިސްކޯފް އެޕް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ތައާރަފްވި ފާތުމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ސީޒަންގެ ދެއެއްގެ ޝޫޓިން މި ހަފުތާގެ އަންގާރަ ދުވަހު ފަށާނެކަމަށް މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.

ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ގިނަ މައްސަލަތަކަކަށް އަލިއަޅުވައިލާގެން ހަދާފައިވާ ”ހުވާ“ އަކީ ފާތިމަތު ނަހުލާ ލިޔެ، ނަހޫލާ އާއި އެކްޓަރު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދިން ވެބް ސީރީޒެކެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން މި ސީރީޒްގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ކުރިއަރަމުން އަންނަ ފަންނާނުން ހިމެނެއެވެ.

ނަހުލާ ފޭސްބުކްގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ”ތިން ދުވަސް ކުރިން، ވެބް ސީރީޒް ”ހުވާ“ ގެ ދެވަނަ ސީޒަން ޝޫޓް ކުރުމަށް އެޕާޓްމަންޓެއް ހޯދަން އަހަރެން ޕޯސްޓެއް ޖެހިތާ 18 ގަޑިއިރު ތެރޭގައި 17 އެޕާޓްމެންޓް ލިބެން ހުރިކަން އަހަންނަށް (މީހުން) އެންގިކަމީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް. ވަކީން ޚާއްޞަކޮށް މާލޭގައި ޝޫޓްކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އެކަށޭނަ ލޮކޭޝަނެއް ހޯދުން. ވޭތުވެ ދިޔަ ތިން ދުވަހު އަހަރެން ދޮރުން ދޮރަށް ހިނގީ ތިޔަ އެންމެން ހުށައެޅި އެޕާޓްމެންޓްތައް ބެލުމަށް. މިކަމުން ދައްކައިދެނީ ތިޔަ ބެލުންތެރީން އަހަންނަށް ދެމުން އަންނަ ނިމުމެއް ނުވާ ސަޕޯޓާއި ”ހުވާ“ގެ ދެވަނަ ސީޒަން ދުށުމަށް އެދިއެދި ތިބި މިންވަރު.“ ނަހޫގެ ޕޯސްޓްގައި ބުނެފައިވެއެވެ.

”ތިޔަ އެންމެންގެ ސަޕޯޓާއި އެކުގައި އަންނަ އަންގާރަ ދުވަހު އަހަރުމެން ”ހުވާ“ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށާނަމު.“ ނަހޫގެ ޕޯސްޓްގައި އިތުރަށް ބުނެފައިވެއެވެ.

2018 ނޮވެމްބަރު 29 ގައި ބައިސްކޯފުން ދައްކަންފެށި “ހުވާ” ސީރީޒްގެ 82 އެޕިސޯޑާއެކު ސީޒަން އެކެއް މިހާރު ވަނީ ނިންމާލާފައެވެ. ފަހު އެޕިސޯޑް ބައިސްކޯފުން ދައްކަން ފެށި ވަގުތު އެތައް ހާސް ބަޔަކު އެޕް ބޭނުންކުރަން ފެށުމާއެކު އެޕަށް ވަނުމުގައިވެސް ދަތިތަކެއް ދިމާވިއެވެ.

“ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ.

ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ހުވާ” ގެ ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ