ހަނިމާދޫން އިންޑިއާގެ ކޮޗިން އަށް މިއަދު މޯލްޑިވިއަން އުދުހެން ފަށާނެ އެވެ. މި އިވެންޓާ ދިމާކޮށް، އެ ކުންފުނިން ވަނީ ހަނިމާދޫ އާއި މި ރަށުގައި ތިބި މީހުންނަށް ހިލޭ ކޮޗިން އަށް ދާން ރަނުގެ ފުރުސަތެއް ދޭން ނިންމާފަ އެވެ. އެއީ ހާއްސަ ގޭމެއްގައި ބައިވެރިވެގެން ދިމާވާ ހަތަރު މީހަަކަށް ކޮޗިން ދެ ކޮޅު ޓިކެޓު ލިބުމެވެ.
އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވި ގޮތުގައި މިއީ ހިލޭ ޓިކެޓެއް ހޯދަން ރަަނގު ފުރުސަތެއް ކަމަށެވެ.
"މިހާރު މިރަށުގައި [ހަނިމާދޫ] ގައި ތިބި މީހުންނަށް މިއީ ރަނުގެ ފުރުސަތެއް. އެހެންވެ ވީހާ ވެސް ގިނަ މީހުން މި އިވެންޓަށް އައިސް ގޭމުގައި ބައިވެރިވާންވީ. މިދެނީ ހަތަރު ޓިކެޓު،" މޫސަ ވިދާޅުވި އެވެ.
މި ގޭމު އިންތިޒާމުކޮށްފައިވަނީ ކަބަޑު ތަކެއް ބަހައްޓައި އޭގައި ޓިކެޓު ތަކެއް ހިމެނޭ ގޮތަށެވެ. މީގެ ތެރެއިން ކަބަޑެއްގައި ކޮޗިން ދެކޮޅު ޓިކެޓް އޮންނަ އިރު އެ ކަބަޑުތަކުގެ ތަޅުދަނޑި އެއާޕޯޓުގެ ޑިޕާޗާ ކައިރީގެ ކޮންވެސް ހިސާބެއްގައި އޮންނާނެ އެވެ.
މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރު ފަށާއިރު، މާލެ އާއި ކޮޗިންއާ ޓިކެޓް ދެކޮޅަށް 150 ޑޮލަރަށެވެ. އަދި ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރަށެވެ.
މިއަދު ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފަށާއިރު ކޮންމެ ހަފްތާއަކު 3 ދުވަހު ކޮޗިންއަށް ދަތުރުކުރާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނީ ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.
ކައިރި މުސްތަޤްބަލެއްގައި ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް މޯލްޑިވިއަންއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީ އާއި ޓްރިވެންޑުރަމަށް މިހާރުވެސް މޯލްޑިވިއަނުން ޝެޑިއުލްދަތުރުތައް ކުރެއެވެ.




