ޕާކިސްތާނު ޑޮކްޓަރެއްގެ ސަބަބުން 900 ކުދިން އެޗްއައިވީ އަށް ޕޮޒިޓިވް

އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިހުރި އަންހެނަކު، އެކަން އެނގިހުރެ ކައިވެނިތަކެއް ކުރި މައްސަލައެއް މިއަދުވަނީ ފެންމަތިވެފައެވެ. މި މައްސަލަ، ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާކަމަށްވެސް، މިއަދު ބުނެފައިވެއެވެ.

ޕާކިސްތާނުން ވަނީ މިފަދަ، އެހެންނަމަވެސް، މިއަށްވުރެވެސް ސީރިއަސް މައްސަލައެއް ފެންމަތިވެފައެވެ. އެއީ، އެންމެ ޑޮކްޓަރެއްގެ ސަބަބުން، އެޤައުމުގެ 900 އެއްހާ ކުޑަކުދިން އެޗްއައިވީ އަށް ޕޮޒިޓިވް ވި މައްސަލައެކެވެ.

އެޤައުމުގެ ރަޓޮޑެރޯ އިން މި މައްސަލަ ފެންމަތިވެފައިވާއިރު، އެޗްއައިވީ އަށް ޕޮޒިޓިވް ވި 1100 މައްސަލައެއް ވަނީ ސިއްހީ ފަރާތްތަކުން ރިޕޯޓުކޮށްފައެވެ. މީގެތެރެއިން، 900 މައްސަލައަކީ ކުޑަކުދިން އެޗްއައިވީ އަށް ޕޮޒިޓިވް ވި މައްސަލައެވެ.

މިކަމާ ގުޅިގެން ކުށްވެރިވެ، ހައްޔަރުކޮށްފައިވާ މީހަކީ ޑރ. މުޒައްފަރު ގަންގްރޯ ނަމަކަށް ކިޔާ ޑޮކްޓަރެކެވެ. މިއީ ވަރަށް ހެޔޮ އަގުގައި، ސިޓީގެ އެކި ގެތަކަށް ސިއްހީ އެކި ބޭނުންތަކަށާއި، ޓެސްޓުތައް ހަދަން ސާމްޕަލް ނަގަން ގޮސް އުޅެދޭ ޑޮކްޓަރެކެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް އެޗްއައިވީ ޖެހިފައިވަނީ، މި ޑޮކްޓަރު، އެއް ސިރިންޖު ކައްޓެއް ބޭނުންކުރަމުން ދިއުމުގެ ސަބަބުންނެވެ. ފަރުވާ ކުޑަކުރުމާއި، ގަސްދުގައި ގިނަ އަދަދެއްގެ ބަޔަކު މެރުމުގެ ތުހުމަތު މި ޑޮކްޓަރުގެ މައްޗަށްވަނީ ކޮށްފައެވެ.

ހަ ކުދިންގެ ބައްޕައެއްކަމުގައިވާ އިމްތިޔާޒު ޖަލްބާނީ ބުނި ގޮތުގައި އޭނާގެ ހަ ދަރިންގެ ފަރުވާއަށްވެސް މި ޑޮކްޓަރުގެ ގާތަށް ގޮސްފައިވެއެވެ. އަދި، ޑަސްޓްބިނުގެ ތެރެއިން ކައްޓެއް ނެގުމަށްފަހު ސިރިންޖަށް ލެއްވި ތަން، އެއްފަހަރު ފެނުންކަމަށް މި މީހާ ބުންޏެވެ. މި މީހާގެ ހަ ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު އޭޑްސާ ހަނގުރާމަކުރަމުންދާއިރު، ދެ ކުއްޖަކު މިހާރުވަނީ ދުނިޔެ ދޫކޮށްފައެވެ.

މިކަމާ ގުޅިގެން އެހެން މީހަކު ބުނި ގޮތުގައި މި ޑޮކްޓަރުވަނީ، 50 ކުދިންގެ ގަޔަށް އެއް ކައްޓެއް ބޭނުންކޮށްފައެވެ.

ރޮޓަޑަރޯގެ މުޅި އާބާދީ، އޭޑްސް އަށް ޓެސްޓު ކުރަމުންދާއިރު، ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ