ސްމާޓްފޯނަށް ދެވިހިފުމަކީ މިހާރު ވަރަށް ބޮޑު މައްސަލައެކެވެ. މި ދެވިހިފުމަކީ، ރިހެބިލިޓޭޓް ކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުތަކަށް ފޮނުވައިގެން ފަރުވާ ކުރާހާ ސީރިޔަސްކަމަކަށްވަނީ ވެފައެވެ.
ފޯނަށް ދެވިހިފުން ހުއްޓުވުމަށް، މަޝްހޫރު "ގޫގުލް" އިން މިވަނީ މޮޅު އުކުޅެއް ހަދާފައެވެ. ސްމާޓް ފޯނަށް ދެވިހިފުން ހުއްޓުވަން އެކުންފުނިން ނެރުނީ ފޯނެކެވެ. އެހެންނަމަވެސް، އެއީ ކަރުދާސް ފޯނެކެވެ.
ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާގޮތުގައި ގޫގުލް އިން މި ކަރުދާސް ފޯނު ފަރުމާކޮށްފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ "ސްޕެޝަލް ޕްރޮޖެކްޓްސް" ނަމަކަށް ކިޔާ ކުންފުންޏެކެވެ.

ނޫސްތަކުން ވަނީ ގޫގުލްގެ ކަރުދާސް ފޯނު މަސައްކަތް ކުރާ ގޮތްވެސް ހިއްސާކޮށްފައެވެ. އެގޮތުން، އެންމެ ފުރަތަމަ ޖެހެނީ އެޕްލިކޭޝަނެއް ޑައުންލޯޑު ކުރާށެވެ. މި އެޕްލިކޭޝަނަށް ވަނުމަށްފަހު، އެމީހަކަށް ފޯނުން އެންމެ މުހިއްމު ކަންކަން ފާހަގަ ކުރަން ޖެހެއެވެ. އެއަށްފަހު، އެއްޗެއް ޕްރިންޓް ކުރުމުގެ އިޚުތިޔާރު، މި އެޕްލިކޭޝަނުން ދައްކާނެއެވެ. ޕްރިންޓް ކުރެވޭ އެއްޗަކީ ކަރުދާސް ފޯނެވެ.
ބޮޑު ކަރުދާސްގަނޑަކަށް ޕްރިންޓް ކުރުމަށްފަހު މި ކަރުދާސް ފޯނު ގެންގުޅެން ޖެހޭނޫ ފަށް ޖަހާލައިގެންނެވެ. މި ކަރުދާސް ފޯނަށް، ސުޑޮކޯ އާއި ކްރޮސްވޯޑް ޕަޒަލްފަދަ ގޭމްތައްވެސް ލެވޭނެއެވެ. ހަމައެހެންމެ، މެޕްތަކާއި ކްރެޑިޓް ކާޑުގެ މައުލޫމާތުވެސް ލެވޭނެއެވެ.
ގޫގުލްގެ ކަރުދާސް ފޯނަކީ ކުޑަކުދިންގެ އުފެއްދުމެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް، މި ފޯނުގެ ބޭނުމަކީ، ސްމާޓްފޯނަށް ދެވިހިފުން ކުޑަ ކުރުމެވެ. އެއްގޮތަކަށްވެސް، ސްމާޓްފޯން ގެންގުޅުން އެއްކޮށް ކަނޑުވާލުމެއް ނޫނެވެ.




