އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހޭރީ އާއި މޭގަން މާކެލް އަދި އެމީހުންގެ ދަރިފުޅު އާޗީ، އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރުމާމެދު ވިސްނަމުންދާކަމަށް އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.
އެމެރިކާގެ ކެލިފޯނިޔާ އަށް، ޝާހީ މި އާއިލާގެ ދިރިއުޅުން ބަދަލުކުރުމާމެދު ވިސްނަމުންދާކަމުގެ އަޑުތައް ފެތުރިފައިވާއިރު، ކުރިއަށް އޮތް އެމީހުންގެ އެމެރިކާ ދަތުރަކީ މިކަމަށްޓަކައި ވިސްނުމަށާއި، ގޮތް ބަލާލުމަށް ކުރާ ދަތުރެއްކަމަށްވެސް، ބައެއް މީޑިޔާތަކުން އަންނަނީ ބުނަމުންނެވެ.
ހޭރީ އާއި މޭގަން، ޝާހީ ޒިންމާތަކުން، ހަ މަސް ދުވަހުގެ މުއްދަތަކަށް އެއްފަރާތްވެފައިވާއިރު، ޗުއްޓީގެ ބޮޑުބައެއް ހޭދަކުރާނީ، މޭގަން މަންމަ ގާތުގައި އެމެރިކާގައެވެ. މިއީ، އެމީހުންގެ ދަރިފުޅާއެކު އެމެރިކާއަށް ކުރާ ފުރަތަމަ ދަތުރަށްވެސް، މި ދަތުރު ވެގެންދާނެއެވެ.
އިނގިރޭސިވިލާތް ދޫކޮށްލުމަށް ވިސްނަމުންދާކަން، ޝާހީ ދެމަފިރިން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ޓީވީ ޑޮކިއުމެންޓްރީ އަކަށް ދިން ބަސްދީގަތުމެއްގައި ޝާހީ ދެމަފިރިން ބުނެފައިވަނީ، އިނގިރޭސިވިލާތް ދޫކޮށްލުމަށްފަހު އެމީހުން އައިސް އުޅެން އެންމެ ބޭނުންވަނީ ދެކުނު އެފްރިކާގެ ކޭޕްޓައުންގައިކަމަށެވެ. އެހެންކަމުން، އެމެރިކާ އަކީ އެމީހުންގެ ދެވަނަ "ޗޮއިސް" ކަމަށް ބެލެވެއެވެ.
މި ޑޮކިއުމެންޓްރީގައި ހޭރީ އާއި މޭގަން ވަނީ އެތައް ކަމެއް ހިއްސާކޮށްފައެވެ. އެގޮތުން، ޝާހީ އާއިލާގެ ތެރޭގައި މައްސަލަ ޖެހިފައިވާކަމާއި، މީޑިޔާގެ ސަބަބުން ޕްރެޝަރުތަކެއް ކުރިމަތިވަމުންދާކަން ހާމަކޮށްފައިވެއެވެ.




