ޤައުމީދުވަހުގެ ޙާދިސާ އަކީ އަޅުގަނޑުމެން ޢިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަންޖެހޭފަދަ ހާދިސާއެއް ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓުން ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާޞަތުގައި އެމްއާރުއެމް އިން ނެރުނު ބަޔާނުގައެވެ. މި ބަޔާނުގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެން މިއަދު ފަޚުރުވެރި ކަމާއެކު ފާހަގަ ކުރަމުންދާ ޤައުމި ދުވަހަކީ، ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި 15 އަހަރު އޮތުމަށްފަހު، މި ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން މާތްﷲ ގެ ރަޙުމަތާއި މިންވަރުފުޅާއި އެކު މިނިވަންކުރެއްވި ދުވަސް ކަމަށެވެ.
އެއީ 1 ރަބީޢުލްއައްވަލް 981 ހ، (2 ޖުލައި 1573 މ) ވަނަ ދުވަސް ކަމަށާއި ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، އުތީމު ހުސެއިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ހިތްވަރު ފުޅުކަމަށެވެ. އެއީ މި ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑަހެލާއެކު "ކަޅުއޮފުންމި" ކިޔާ އަނގަމަތީ ދޯންޏެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދު ކަމުގައި މި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. "ޤައުމީދުވަހުގެ ޙާދިސާ އަކީ އަޅުގަނޑުމެން ޢިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަންޖެހޭފަދަ ހާދިސާއެއް" އެމްއާރުއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދިވެއްސަކަށްވީތީ މިކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭ ކަމަށާއި ޤައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމު ކަނޑައެޅުމަށް މި ބަޔާނުގައި ގޮވާލައިފައިވެއެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ ޤައުމުގައި ސުލްޙަމަސްލަސްކަން ނަގާލުވާލުމަށް، އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށާއި ދިވެހި މުޖުތަމަޢަކީ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާޙަތްތެރި މުޖުތަމަޢަކަށް ހަދަންޖެހޭ ކަމަށެވެ.
އެމްއާރުއެމް އިން ޤައުމީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުވާފައިވެއެވެ. މި ބަޔާން ނިންމާލައިފައިވަނީ މި ފަޚުރުވެރި އަދި ތާރީޚީ ޤައުމީ މުނާސަބާގައި، އަޅުގަޑުމެން ދިވެހިންނަކީ ޤައުމިއްޔަތަށް ލޯބިކުރާ، ޤައުމިއްޔަތުގެ ރުކުން ތަކާއި އަގުތައް ނަގަހައްޓާ ދެމެހެއްޓުމުގެ ޢަޒުމާއި ހިތްވަރު ލިބިގެންވާ ބަޔެއް ކަމުގައި މާތް ﷲ ލެއްވުން އެދި ދުޢާކުރަމުންނެވެ.




