އަގުއޭރޯގެ ދެލަނޑަކާއެކު ސައުތުހެމްޓަން ބަލިކޮށް ސިޓީ ލީގުކަޕް ކުއާޓަރއަށް

އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޯގެ ދެލަނޑަކާއެކު ސައުތުހެމްޓަން ބަލިކޮށް އެންމެ ފަހުގެ ޗެމްޕއަިން މެންޗެސްޓަރ ސިޓީއިން ލީގު ކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެތިހާޑު ސްޓޭޑިއަމްގައި ކުޅުވެނު މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. މެޗުގެ 20 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް އޮޓަމެންޑީއެވެ. ބަނާޑޯ ސިލްވާގެ ހުރަހަކުން އޮޓަމެންޑީ މިލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިއާތެރެއިން ބޮލުން ޖަހައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުގެ ކުރިން އިތުރު ލަނޑެއްޖަހައި ސިޓީއިން ލީޑު ފުޅާކޮށްފައިވަނީ ވޯކާގެ ހުރަހަކުން އަގުއޭރޯ ކާމިޔާބުކޮށްދިން ލަނޑަކާއެކުއެވެ.

ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންއައި ސިޓީގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަގުއޭރޯއެވެ. 56 ވަނަ މިނަތްގައި ފެނިގެންދިޔަ މިލަނޑާއެކު މިސީޒަންގައި އަގުއޭރޯ ޖެހި ލަނޑުގެ އަދަދުވަނީ 12 އަށް އަރުވާފައެވެ.

މެޗުގެ ފަހު ފަނަރަވަނަ މިނަޓްގައި ޖެކް ސްޓެފަން ލަނޑެއްޖަހައި ސައުތުހެމްޓަންއަށް އިތުރު ހިތްވަރެއް ގެނެސްދިންނަމަވެސް މެޗުގެ ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލީގު ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އަނެއް ޓީމުތަކަކީ ލެސްޓާ ސިޓީ، ކޮލްޗެސްޓާ ޔުނައިޓެޑް، އެވަޓަން އަދި އޮކްސްފޯޑް ޔުނައިޓެޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ