ލީގު ކަޕް ގަދަ 16 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލް އަދި ޔުނައިޓެޑް ލީގު ކަޕް ކުއާޓަރ ފައިނަލަށް އަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ގަދަ 16 ގައި ކުޅުނު މެޗުގައި ރޭ ލިވަޕޫލް ކުޅެފައިވަނީ އާސެނަލްއާއި ދެކޮޅަށެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކޮންމެ ޓީމަކުންވެސްވަނީ 5 ލަނޑު ޖަހާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު އާސެނަލްގެ މުސްތާފީ އަތުން ބައިކޮޅަށް ވަތްނަމަވެސް، ފުލުފުލުގައި ޖެހި ލަނޑުތަކާއެކު އާސެނަލްއިން މެޗުގެ ނަތީޖާ އަނބުރާލިއެވެ. އާސެނަލްގެ ޓޮރެއިރާ މެޗުގެ 19 ވަނަ މިނަޓްގައި ލަނޑުޖެހިއިރު، މާޓިނެލީވަނީ 26 ވަނަ މިނަޓްގައާއި 36 ވަނަ މިނަޓްގައި ލަނޑެއް ޖަހާފައެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން މިލްނާޖެހި ލަނޑާއެކު ލިވަޕޫލުންވަނީ ފަރަގު ކުޑަކޮށްފައެވެ.
ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ލަނޑު އާސެނަލްއިން ޖެހިއިރު މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ އައިންސްލޭއެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއްފަހުން ޗެމްބަލިންއާއި އޮރިގީ ކާމިޔާބުކޮށްދިން ދެލަނޑަކާއެކު ލިވަޕޫލްނ ނަތީޖާ ހަމަހަމަކުރިއެވެ.
ދެންވެސް ފެނިގެންދިޔައީ އާސެނަލްއިން ނަތީޖާ އެކޮޅަށް އަނބުރާލިތަނެވެ. 70 ވަނަ މިނަޓްގައި ޖިލޮކް ކާމިޔާބުކޮށްދިން މިލަނޑާއެކު އާސެނަލްއިން މެޗުން މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި އޮރިގީ ލަނޑެއްޖަހައި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެހެންކަމުން މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، އާސެނަލްގެ ޑަނި ކެބަލޯސްގެ ޕެނަލްޓީވަނީ ލިވަޕޫލްގެ ކީފަރު ކެލެހާ ދިފާޢުކޮށްފައެވެ.

ރޭ ކުޅެވުނު އަނެއް މެޗުގައި ޗެލްސީ އަދި މެންޗެސްޓާރ ޔުނައިޓެޑް ބައްދަލުކުރިއިރު، 1-2 ގެ ނަތީޖާއަކުން މިމެޗު ކާމިޔާބުކޮށްފައިވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑުވެސް ޖަހާދީފައިވަނީ މާކަސް ރަޝްފޯޑެވެ. އަދި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ބަޓްޝުއާއީއެވެ. މިސީޒަންގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު ދެމެޗުން ރަޝްފޯޑުވަނީ 4 ލަނޑު ޖަހާފައެވެ.
ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެކްލަބުންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ ޔުނައިޓެޑުން ރަޝްފޯޑު އަނބުރާލީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑަކާއެކުގައެވެ. އަދި މިހިލޭ ޖެހުމަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހާފެންވަރުގެ ހިލޭ ޖެހުމެއްކަމަށް މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާވަނީ ބުނެފައެވެ.



