ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނިންމައިފިއެވެ.
ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން ނިޒާމްބެ ނިންމިއިރު، ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުހިފާ، ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް ނިޒާމްބެ ހަމަޖައްސާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއަށްފަހު ނިޒާމްބެގެ އިރުޝާދުގެ ދަށުން ޒުވާން ޓީމުން ތިން މުބާރާތެއްގައި ވާދަކުރިއިރު، ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފައެވެ.
New Journey, New Challenge, Biger responsibility. pic.twitter.com/chNSj02rUI
— Mohamed Nizam (@nixam02) October 30, 2019
ކެރިއަރުގައި އިތުރަށް ކުރިއަށްދާން ލިބުނު މިފުރުޞަތާއެކު ނިޒާމްބެ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ޙަވާލުވާން ނިންމީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާވެސް މަޝްވަރާކުރުމަށްފަހު ކަމަށްވެސް ނިޒާމްބެ ބުންޏެވެ. އާ ކްލަބާއި ނިޒާމްބެ ޙަވާލުވާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނިޒާމްބެއަކީ އެފްއޭއެމުން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗެވެ. ޓީސީ ސްޕޯޓްސް ކްލަބާއެކު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަންވެސް މިދިޔަ ސީޒަންގައި ނިޒާންބެ ހޯދާފައިވެއެވެ. މީގެއިތުރުން ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަންވެސް ހޯދާފައެވެ. މިއީ ބޭރުގެ މުބާރާތެއްގައި ރާއްޖޭގެ ކްލަބެއް ތަށި ހޯދި ފުރަތަމަ ފަހަރެވެ.
ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ފާހަގަކުރެވުނީ، ޒުވާން ކުޅުންތެރިން ކުރިއަރުވައި އަދި އޭނާގެ ގޭމް ޕްލޭނުގައި ހާއްސަ ސްޓައިލަކަށް އަބަދުވެސް ޓީމު ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
