ރައްޔިތުންގެ މަޖިލީހުގެ ރައީސް, ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިރޭ ގއ. ވިލިނގިއްޔަށް ވަޑައިގަތުމާއި ދިމާކޮށް މުޒާހަރާކުރި ބަޔަކު ފުލުހަށް ހާޟިރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ވިލިނގިއްޔަށް ވަޑައިގަތް ވަގުތާ ދިމާކޮށް، އެމްޑީއެން އުވާލުމަށް ގޮވާލާ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މިރޭ ގއ. ވިލިނގިލީގައި ރަށު ކައުންސިލްގެ ހުއްދަ ނުނަގާ އަޑުގަދަކުރާ ބޭނުންކޮށް، ފުލުހުން ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ މުޒާހަރާކުރި ބަޔަކު، ސުވާލުކުރުމަށް ޕޮލިސް ސްޓޭޝަނަށް ހާޟިރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ ރަސްމީ ދަތުރަކާއި ދިމާކޮށް އެމްޑީއެން އުވާލުމަށް ގޮވާލާ ވިލިނގިލީގައި މުޒާހަރާކޮށްފައިވާއިރު، ރައީސް ނަޝީދު ވަނީ އެކިފަހަރުމަތިން އެމްޑީއެން އިން ނެރުނު ދީނަށް ފުރައްސާރަކުރި ރިޕޯޓާއި ގުޅުވައިގެން ތަފާތު ގޮތްތަކަށް ވާހަކަފުޅު ދައްކަވާފައެވެ.




