އާސަންދައިން އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފި

އާސަންދަ ކުންފުނިން މިއަދު، އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފިއެވެ. 

އާސަންދައިން އޯޕަން ޕްރޮކިއުމަންޓް ސްޓޭޖް އެކެއް އިފްތިތާހް ކޮށްފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤްއެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ، އެކުންފުނިން އޯޕަން ޕްރޮކިއުމަންޓް ލޯންޗް ކުރުމަށްނިންމީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.

އޯޕަން ޕްރޮކިއުމަންޓް ލޯންޗްކުރުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށް ދާނީ ދެ ސްޓޭޖަކަށް ބަހާލެވިގެން ކަމަށް އަދި މިއަދު ފެއްޓެވީ މި މަސައްކަތުގެ ފުރަތަމަ ސްޓޭޖް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ފުރަތަމަ ސްޓޭޖުގެ ފޯކަސްއަކީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓެންޑަރސް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ގެންދިއުން ކަމަށާއި، އެގޮތުން މީގެ ފަހުން، 25000ރ އަށްވުރެ މަތީގެ އަގުތަކުގެ އެއްޗިހި ގަތުމަށް ކުރާ ޓެންޑަރ އިޢުލާނުތަކުގެ ހުރިހާ މަޢުލޫމާތެއް އާސަންދައިގެ ވެބްސައިޓުން ފެންނާނެ ކަމަށް އެކުންފުނިން މިއަދު ވިދާޅުވިއެވެ.

"ޓެންޑަރ އިޢުލާނު އަޅުގަނޑުމެންގެ ވެބްސައިޓަށް އަޕްލޯޑް ކުރުމުންފެށިގެން، މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ސެޝަނަށް ހާޒިރުވާ މީހުންގެ މަޢުލޫމާތާއި، ބިޑް ސަބްމިޓް ކުރާ މީހުންގެ މަޢުލޫމާތާއި، އިވެލުއޭޝަން ޝީޓާއި އަދި ޓެންޑަރ އެވޯޑް ކުރިނަމަ، އެވޯޑް ކުރިކަމުގެ ލިޔުމާ މުޅި ޓެންޑަރ ޕްރޮސެސްގެ، ހުރިހާ މަޢުލޫމާތެއް، ވެބްސައިޓުން ފެންނާނެ." އާސަންދައިން ވިދާޅުވިއެވެ.

ދެވަނަ ސްޓޭޖްގައި، ހުރިހާ ވެންޑަރސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން ހުޅުވާލެވޭނެ ކަމަށާއި، އޭރުން
އެ ވެންޑަރއަކާ ގުޅޭ ދާއިރާއަކުން ޓެންޑަރއެއް އަޕްލޯޑްކޮށްފިނަމަ ވެންޑަރިއަށް ނޮޓިފިކޭޝަނެއް ދާނެކަމަށް އާސަންދައިން ވިދާޅުވިއެވެ.

އާސަންދައިން އިތުރަށް ވިދާޅުވީ، ދެވަނަ ސްޓޭޖް ނިމޭއިރު ޕްރޮކިއުމަންޓްގެ އެންމެ ކުދި މުއާމަލާތްތަކުގެ މަޢުލޫމާތުވެސް ވެބްސައިޓަށް އަޕްލޯޑްކުރާނެ ކަމަށާއި، އޭރުން އާސަންދަ ކުންފުނިން ގަންނަ ހުރިހާ އެއްޗެއްގެ އަދި ކުންފުނީގެ ބޭނުމަށް ހޯދާ ހުރިހާ ޚިދުމަތެއްގެ، ޕްރޮކިއުމަންޓްގެ ހުރިހާ ޓްރާންސެކްޝަނެއްގެ ހުރިހާ ލިޔެކިޔުންތައް
ވެބްސައިޓުން ފެންނާނެ ކަމަށެވެ.

އޯޕަން ޕްރޮކިއުމަންޓް ލޯންޗުކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޒީރޯޓޮލަރެންސްގެ ދަށުން، ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށްވެސް އާސަންދައިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ